ވިޔަފާރި

ސަރަޙައްދީ ބަނދަރުތަކުގައި އެކަށީގެންވާ ވަޞީލަތްތަކެއް ނެތް- ޝާހިދު


އެމްޕީއެލްގެ ސަރަޙައްދީ ބަނދަރުތަކަށް ބޯޓުތަކުން މުދާ ނުބާލަނީ އެތަންތަނުގައި އެކަށީގެންވާ ވަޞީލަތްތައް ޤާއިމްކޮށްފައި ނެތުމުންކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ ޝާހިދު އަލީ ވިދާޅުވީ، އެމްޕީއެލްއިން މާލޭ ވިޔަފާރީ ބަނދަރުގެ އިތުރުން، ކުޅުދުއްފުށި، އައްޑޫ ސިޓީ ހިތަދޫ އަދި މާމިގިލީގައި ބަނދަރުތައް ހިންގަމުންދާކަމަށެވެ. ނަމަވެސް މާލެއާ ގާތްކުރާ އަދަދަށްވެސް އެތަންތަނަށް ބޯޓުތަކުން މުދާ ނުބާލާކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން އެކަމުގައި ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރަމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ.

"ކޮންމެވެސް ވަރަކަށް އައްޑޫ އަދި ކުޅުދުއްފުށި ޕޯޓަށް އެބައާދޭ ބްރޭކް ބަލްކް، ކާގޯ، އެހެންނަމަވެސް ކޮންޓެއިނަރ މުދާ އައުމުގައި މިވާ ގޮތަކީ، ކޮންޓެއިނަރ މިއަންނަނީ އެއް ޕޮއިންޓަކަށް، އެހެންވީމަ ކޮންޓެއިނަރ މުދާ ގިނައިން އަންނާތީ، މާލެއާ ގާތްކުރާ އަދަދަކަށްވެސް ރީޖަނަލް ޕޯޓްތަކަށް މުދަލެއް ނާދޭ، މިހާރު އެބަ ވިސްނަން ބްރޭކް ބަލްކުގެ ބައެއް ބާވަތްތައް މި ދެބަނދަރަށް ބަދަލުކުރެވޭނީ ކިހިނެތްތޯ، އޭރުން އެބަނދަރުތަކަށް މުދާ ގޮސް، މާލެއަށް ތަންކޮޅެއް ލުއިވާނެ"

ޝާހިދު ވިދާޅުވީ ސަރަޙައްދީ ބަނދަރުތަކަށް ދިމާވެފައިވާ މައިގަނޑު މައްސަލައަކީ އެކަށީގެންވާ ވަޞީލަތްތައް ނެތުންކަމަށެވެ. އެހެންކަމުން އެތަންތަނުގައި އެކަށީގެންވާ ވަޞީލަތްތައް ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާކަމަށް ޝާޙިދު ވިދާޅުވިއެވެ.

"މިވަގުތު މިވާ ގޮތަކީ އެބަނދަރުތަކުގައި ކޮންޓެއިނަރ ހޭންޑްލް ކުރުމުގެ ވަސީލަތްތަކެއް ނެތް، އެހެންވީމަ ކާގޯ ގެންދިއުމުގައި އެބަހުރި ދަތިތަކެއް، ކުޅުދުއްފުށި އަދި ހިތަދޫ ޕޯޓްގައިވެސް އެބަހުރި ލިމިޓޭޝަންތަކެއް، ބަނދަރަށް ކައިރި ކުރެވޭ ބޯޓުތަކުގެ ސައިޒުގެ މައްސަލަވެސް އެބަހުރި، މާމިގިލި ޕޯޓުގައިވެސް މިކަހަލަ މައްސަލަތަކެއް އެބަހުރި، ބަނދަރުތަކަށް ބޯޓުތައް ދާން ބޭނުންވިޔަސް، ވަސީލަތްތައް ނެތުމުގެ މައްސަލަ ކުރިމަތިވާތީ ބޯޓުތަކަށް ނުދެވެނީ. އަޅުގަނޑުމެން މިމަސައްކަތްކުރަނީ ސަރަޙައްދީ ބަނދަރުތަކަށްވެސް ކާގޯ ގެންދެވޭނެ ވަސީލަތްތައް އެތަންތަނުގައި ޤާއިމްކުރުން"

ޝާޙިދު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރުގެ ބައެއް މަސައްކަތްތައް ހުޅުމާލޭގައި ކުރިއަށްގެންދާއިރު، އޭގެ ތެރޭގައި ހުސްކޮންޓެއިނާރ ބެހެއްޓުމާއި ބައެއް ރިސޯޓުތަކާއި ސިނާޢީ ރަށްތަކަށް ގެންދާ މުދާ ދޯނިތަކަށް ލޯޑުކުރުމުގެ މަސައްކަތް ހިމެނޭކަމަށެވެ. ނަމަވެސް ކުރިއަށްވުރެ ހުޅުމާލެ ބަނދަރުވެސް ބާރުބޮޑުވެފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ. އަދި މާލެ ސަރަޙައްދުގައި އެމްޕީއެލްއިން ދެމުންދާ ޚިދުމަތްތަކަށް ލުޔެއް ލިބޭނީ ސަރަޙައްދީ ބަނދަރުތައް ތަރައްޤީކުރުމުންކަމަށް ޝާހިދު ވިދާޅުވިއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ 3 ސަރަޙައްދެއްގައި އެމްޕީއެލްގެ ވިޔަފާރި ބަނދަރުތައް ޤާއިމްކޮށްފައިވާއިރު، މާލޭގައި ހުރި ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެމްޕީއެލްއިން ބުނީ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުން، ބަނދަރު ހިންގުމަށް ދެ ގުނަ ބޮޑު ޖާގައެއް ލިބި، މުދާ ބޭލުންވެސް އެތައް ގުނައެއް އަވަސްވެގެންދާނެކަމަށެވެ.