ޚަބަރު

ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ހުރިހާ ސާމާނެއް ލިބޭ "އޮސްޓްރާވާ" ހުޅުވައިފި


ސިނާޢީ އެކިއެކި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ހުރިހާ ސާމާނެއް އެއްތަނަކުން ލިބޭ ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.

"އޮސްޓްރާވާ" ގެ ނަމުގައި އަލިކިލެގެފާނު މަގުގައި ހުޅުވާފައިވާ ފިހާރައިން އިނގިރޭސިވިލާތް، އިޓަލީ، ޑެންމާކް، ޖަރމަނީ އަދި އިންޑިޔާގެ މަޝްހޫރު ބްރޭންޑްތަކުގެ ސާމާނު ލިބެއެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ މާހައުލުގައި ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރާ ތަކެއްޗާއި އެފަދަ މަސައްކަތްތައް ކުރުމަށް ބޭނުންކުރާ އާލާތްތައްވެސް ހިމެނެއެވެ.

މިފިހާރަ ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ކޮންސްޓަރަކްޝަން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަކޮށްގެން ފިހާރައެއް ހުޅުވުމަކީ ވަރަށް މުހިއްމުކަމެއްކަމަށެވެ.

އޮސްޓްރާވާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާފިއު ވިދާޅުވީ ރާއްޖޭގެ މަސައްކަތުގެ ދާއިރާގައި އުޅޭ ފަރާތްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަދިވެސް ބައެއް ފަރާތްތަކުން ފަރުވާކުޑަކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން އޮސްޓްރާވާގެ އަމާޒަކީ މި ދާއިރާގައި އުޅޭ ފަރާތްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިތުބާރު ހިފޭ މޮޅު ސާމާނު ފޯރުކޮށްދިނުންކަމަށް ރާފިއު ވިދާޅުވިއެވެ.

އޮސްޓްރާވާ ރަސްމީކޮށް ހުޅުވުމަށް ބޭއްވި މި ރަސްމިއްޔާތުގައި އެފިހާރައިން އަލަށް ތަޢާރަފްކުރާ ސާމާނުތައް ބޭނުންކުރާނެ ގޮތް ދައްކާލާފައިވާއިރު އަލަށް ތަޢާރަފްކުރާ އެކި ބާވަތުގެ ޔުނިފޯރމްވެސް ދައްކާލާފައިވެއެވެ.