ޚަބަރު

ތަޢުލީމީ ނިޒާމުގެ ތެރެއިން ފަތުރުވެރިކަން ކުރިއެރުވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި


ރާއްޖޭގެ ސްކޫލްތަކުގެ އަހަރީ ޗުއްޓީ ފަތުރުވެރިކަމުގެ ސީޒަނާ ދިމާވާތީ އެ ސިނާއަތުގައި މަސައްކަތްކުރާ ބެލެނިވެރިންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ، ސްކޫލްތަކުގެ އަހަރީ ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވަނީ، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ތަޢުލީމީ ނިޒާމުގެ ތެރެއިން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރ ޢާއިޝަތު ޢަލީ އާއި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ބޭއްވެވި މަޝްވަރާ ބައްދަލު ވުމުގައެެވެ.

ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިޤްތިޞާދުގެ ބޮޑުބައެއް ހިއްސާކުރާ ސިނާޢަތަކަށްވާއިރު، ފަތުރުވެރިކަމުގެ ސީޒަން ދުވަސްވަރު އެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ޢަދަދެއްގެ ބަޔަކަށް ޗުއްޓީ ދިނުމަކީ ދަތިކަމެކެވެ. ފަތުރުވެރިކަމުގެ ސީޒަން ދުވަސްވަރަކީ ރާއްޖޭގެ ސްކޫލުތަކުގެ އަހަރީ ޗުއްޓީ ދުވަސްވަރަށް ވާތީ މިކަން ޙައްލުކޮށް ދަރިވަރުންގެ އަހަރީޗުއްޓީ އަހަރުގެ ފަހުކޮޅަށް ހަމަޖެހިފައި އޮންނަ އޮތުން އެހެން ޤައުމުތަކާއެއްގޮތަށް އަހަރުގެ މެދުތެރެއަށް ބަދަލުކުރުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރާއި ޓުއަރިޒަމް މިނިސްޓަރ ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމާގުޅޭ ބައިތަކެއް ރާއްޖޭގެ ސްކޫލުތަކުގެ މަންހަޖްގައި ހިމެނުމާގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މި މަޝްވަރާ ބައްދަލުވުމުގައި ވަނީ، ރާއްޖޭގެ ބައެއް ސްކޫލްތަކުގައި ކިޔަވައިދެމުންދާ ޓްރެވަލް އެންޑް ޓުއަރިޒމް މާއްދާ އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމާމެދު މަޝްވަރާ ކުރައްވާފައެވެ. އަދި ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ސިނާޢަތަށްވާތީ، މި ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވަން ރާއްޖޭގެ ތަޢުލީމީ ނިޒާމްގެ ތެރެއިން ކުރެވިދާނެ ކަންކަމާމެދު ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.