ޚަބަރު

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމަށް ދެ ބޭފުޅަކު އައްޔަންކޮށްފި


ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމަށް ދެ ބޭފުޅަކު މިއަދު އައްޔަންކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް، މއ. އާޕިއާ އަލްއުސްތާޛު މުޙައްމަދު ޒާހިރު އަދި ހ. އެލިއަތުވިލާ މަރިޔަމް ޝަމްޢާ އިބްރާހީމްއެވެ. މި ދެ މެމްބަރުންނަށް ފަތްކޮޅު އެރުވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މެމްބަރުންނަށް ހުވާލާދެއްވީ ކްރިމިނަލްކޯޓްގެ އިސް ޣާޒީ އަލްއުސްތާޛު އަޙްމަދު ހައިލަމްއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޢައްޔަނު ކުރެއްވި އަލްއުސްތާޛު މުޙައްމަދު ޒާހިރު ވަނީ ޔުނިވަރސިޓީ އޮފް ލަންޑަންއިން "ބެޗްލަރ އޮފް ލޯ" ހާސިލްކުރައްވާފައެވެ. މިއަދު މެންބަރުކަމަށް ދެން ޢައްޔަނު ކުރެއްވި މަރްޔަމް ޝަމްޢާ ވަނީ ވިލާ ކޮލެޖުން "މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން" ހާސިލްކުރައްވާފައެވެ. އަދި 2014 ވަނަ އަހަރު ޝަމްޢާ ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަންވެސް އަދާކުރައްވާފައެވެ. މީގެ އިތުރުން ޝަމްޢާ ވަނީ މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލސ، ޕެރެޑައިސް ހޮލިޑޭ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ ފަދަ އިދާރާތަކުގައި މަސައްކަތްކުރައްވާފައެވެ.