ޚަބަރު

އަދީބު އަނބުރައި ޖަލަށް ގެންދިޔައީ ޑޮކްޓަރުގެ އިރުޝާދާ ޚިލާފަށް - އެޗްއާރުސީއެމް


ތެއްތިރީސް އަހަރުގެ ޖަލުޙުމެއް ތަންފީޒުކުރަމުންދާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ސިއްޙީ ޙާލުހުރިގޮތުން ގޭ ބަންދަށް ބަދަލުކުރުމަށްފަހު މިމަހުގެ 2ވަނަ ދުވަހު އަނބުރައި ޖަލަށް ގެންގޮސްފައިވަނީ ޑޮކްޓަރުންގެ އިރުޝާދާ ޚިލާފަށްކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ހާމަކުރައްވައިފިއެވެ.

އެޗްއާރުސީއެމްއިން މިކަން ހާމަކުރެއްވީ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްގެ ޞިއްޙީ ޙާލުކޮޅާގުޅިގެން އެކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލާގެ ތަޙްޤީޤަށް މިހާތަނަށް ފާހަގަކުރެވިފައިވާ ކަންކަން ހާމަކުރައްވައި ނެރުއްވި ބަޔާނެއްގައެވެ.

އެބަޔާނުގައި ވަނީ "ހޯމްލީ އެންވަޔަރަންމަންޓެއްގައި" އަދީބު ދެ މަސްދުވަހު ބެހެއްޓުމަށް ޑޮކްޓަރުން ލަފާދީފައިވާކަން ލިޔެކިއުންތަކުން އެނގޭކަމަށެވެ. އެހެން ނަމަވެސް އެ ލަފަޔާއި އެއްގޮތަށް މޯލްޑިވްސް ކަރެކްޝަނަލްސަރވިސްއިން ޢަމަލުކޮށްފައިނުވާ ކަމަށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދީބު ގެއަށް ބަދަލުކުރުމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް)ގެ ޔޫރިލޮޖީގެ ޚާއްޞަ
ޑޮކްޓަރު 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އިރުޝާދު ދެއްވާފައިވާކަމަށާ، އެހެންނަމަވެސް ޑޮކްޓަރުގެ މިއެންގުމާ އެއްގޮތަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޢަމަލުކޮށްފައިވާނުވާކަން ފާހަގަކުރެވިފައިވާކަމަށްވެސް އެޗްއާރުސީއެމްގެ ބަޔާކުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅިގެން މީގެކުރިން އެޗްއާރުސީއެމްއިން ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ބައެއް އެންގެވުންވުންތައްވެސް މި ބަޔާނުގައި އެކޮމިޝަނުންވަނީ ހާމަކުރައްވާފައެވެ. އެގޮތުން މިފަދަ މައްސަލަތައް ބެލުމުގައި އެކޮމިޝަނުގެ ތަޙްޤީޤުގައި ޢަމަލުކުރަމުންދާ އުޞޫލުގެ ދަށުން ޑޮކްޓަރު ދެއްވާފައިވާ އިރުޝާދު ޑޮކްޓަރުން މާނަކުރާގޮތެއް ޑޮކްޓަރުންގެ ކިބައިން ދެނެގަތުމަށް 2018
ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 4 ވަނަ ދުވަހު އެކޮމިޝަނުން ޑޮކްޓަރާއި ބައްދަލުކުރެއްވިކަން މިބަޔާނުގައި ހާމަކުރައްވާފައި ވެއެވެ.

އަދި ޑޮކްޓަރުން އެކޮމިޝަނަށް ދީފައިވާ މަޢުލޫމާތަށް ރިޢާޔަތްކޮށް، އަދީބުގެ ޞިއްޙީ ޙާލަތާގުޅޭ މައްސަލާގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ އައިޖީއެމްއެޗުން އެ ކޮމިޝަނާ ޙިއްޞާކޮށްފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް ޖަލުތަކާއި ޕެރޯލްގެ ޤާނޫނާއި، ޙުކުމް ތަންފީޛުކުރާ މީހުން ޢަމަލުކުރަންޖެހޭ މެޑިކަލް ޤަވާޢިދާއެއްގޮތަށް ޢަމަލު ކުރުމަށް މިދިޔަ ނޮވެންބަރު މަހުގެ 04 ވަނަ ދުވަހުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގަވާފައިވާނެކަމަށްވެސް އެކޮމިޝަނުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް އެކޮމިޝަނުގެ އެންގުމާ އެއްގޮތަށް އަކުރުން އަކުރަށް ޢަމަލުކުރުމަކީ މުސްތަޙީލު ކަމެއްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިދިޔަ ނޮވެންބަރު މަހުގެ 06 ވަނަ ދުވަހު އެކޮމިޝަނަށް ޖަވާބުދީފައިވާކަމަށް އެޗްއާރުސީއެމްއިން ވިދާޅުވެއެވެ.

މިމައްސަލަ ދިރާސާކުރަމުންދަނިކޮށް، މިދިޔަ ނޮވެންބަރުމަހުގެ 10ވަނަ ދުވަހު އަދީބުގެ ޞިއްޙީ ޙާލަތު ގޯސްވެގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން އަދީބު ދޫކޮށްލިއިރު "ޑިސްޗަރޖް ސަމަރީ"ގައި ލިޔެފައިވަނީ ކަންބޮޑުވުންތަކުން ދުރު މާހައުލެއްގައި، ޢާއިލާއާއެކު 2 މަސްދުވަހު ހޭދަކުރުމަށް ޑޮކްޓަރު އިރުޝާދުދޭކަމަށް ކަމުގައިވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން މިމަހުގެ 02 ވަނަ ދުވަހު އަދީބު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ކ.މާފުށީ ޖަލަށް ގެންގޮސްފައިވަނީ ޑޮކްޓަރުންގެ އިރުޝާދުތަކާ، ޚިލާފަށްކަމަށް އެ ކޮމިޝަނުގެ ތަޙްޤީޤަށްވަނީ ފާހަގަކުރެވިފައިވާކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ނެރުއްވި ބަޔާނުގައި ވެއެވެ.

އަޙްމަދު އަދީބުގެ ސިއްޙީ ޙާލުހުރިގޮތުން ގޭ ބަންދަށް ބަދަލުކުރުމަށްފަހު އަނބުރައި ޖަލަށް ގެންގޮސްފައިވަނީ މިމަހުގެ 2ވަނަ ދުވަހުގެރެއެވެ.