ޚަބަރު

ނާއިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގެންފި


ނާއިބު ރައީސް ފައިސަލް ނަސީމު، ދައުލަތުގެ ރަސްމީ ގެކޮޅު ހިލާލީގެއަށް ބަދަލުވެޑައިގެންފިއެވެ. ނާއިބު ރައީސާއި އެމަނިކުފާނުގެ އާއިލާ ހިލާލީގެއަށް ބަދަލުވެޑާއިގަތީ އިއްޔެގެ ވަގުތެއްގައެވެ.

ހިލާލީގެއަކީ ނާއިބު ރައީސަށް ޚާއްސަ ގެކޮޅުގެ ގޮތުގައި ހަމަޖެއްސެވީ މީހާރު އަމަލުކުރަމުންދާ ޤާނޫނޫ އަސާސީގެ ދަށުން ފުރަތަމަ ވެރިކަމަށް ވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ. އެެގޮތުން އެމަނިކުފާނުގެ ނާއިބު ރައީސް ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކުވެސް ދިރިއުޅުއްވީ އެގޭގައެވެ. އަދި އޭގެފަހުން ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް ޑރ މުޙައްމަދު ޖަމީލް އަޙްމަދުވެސް އުޅުއްވީ ހިލާލީ ގެކޮޅުގައެވެ. އެހެންނަމަވެސް ޔާމީންގެ ވެރިކަމުގައި ނާއިބު ރައީސުންގެ ގޮތުގައިވަޑައިގެން އަޙްމަދު އަދީބާއި ޢަބްދުﷲ ޖިހާދުވެސް ދިރިއުޅުއްވީ ރެހެންދި ފްލެޓްގައެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ފަހު 3 އަހަރު އެމަނިކުފާނު ދިރިއުޅުއްވީ ހިލާލީ ގެކޮޅުގައެވެ. އޭގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ރަސްމީ ގެކޮޅޫގައި ބޭނުންކުރަމުން އައި މުލިއާގެ ޔާމީންގެ ވެރިކަމުގައި ބޭނުންކޮށްފައިވަނީ ޕީޕީއެމް ސިޔާސީ މަސައްކަތްތައް ކުރާ ތަނެއްގެ ގޮތުގައެވެ.

ނާއިބު ރައީސް ހިލާލީ ގެކޮޅަށް ބަދަވެޑައިގެންނެވިއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދިރިއުޅުއްވަމުން ގެންދަވަނީ މުލިއާގޭގައެވެ.