ވިޔަފާރި

ޓެކްސީ ޚިދުމަތުގެ އަގުތައް ކަނޑައެޅުމާބެހޭ ގޮތުން ބާއްވާ ފޯރަމް މާދަމާރޭ


މާލެ ސަރަޙައްދުގައި ދޭ ޓެކްސީ ޚިދުމަތުގެ އަގުތައް ކަނޑައެޅުމާބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ފޯރަމް މާދަމާރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ދޭ ޓެކްސީ ޚިދުމަތުގެ އަގުތައް ކަނޑައެޅުމާބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ފޯރަމް އޮންނާނީ މާދަމާރޭ 8:30 ގައި ދަރުބާރުގޭ ރަންނަބަނޑޭރިމާލަމުގައިކަމަށެވެ. މިފޯރަމްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ޓެކްސީތަކުގައި މީޓަރު ހަރުކުރުމާއި ޓެކްސީތަކުން މިހާރު ނަގަމުންދާ އަގުތަކާއި ހުޅުމާލެއާއި ހުޅުލެއަށް ކުރާ ދަތުރުތަކަށް ނަގާނެ އަގުތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

ޓްރާންސްޕޯޓް މިިނިސްޓްރީން ބުނީ މިފޯރަމް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ މާލެ ސަރަޙައްދުގައި ދެމުންގެންދާ ޓެކްސީ ޚިދުމަތުގެ އަގާއި ޓެކްސީ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް އާއްމުންނާއި ކަމާބެހޭ ފަރާތްތަކުން ޚިޔާލު ހޯދުންކަމަށެެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޢާއްމުންގެ ވީހާވެސް ގިނަ ބަޔަކު މިފޯރަމްގައި ބައިވެރިވުމަކީ އެމިނިސްޓްރީގެ ވަރަށް ބޮޑު އިލްތިމާސްއެއްކަމަށެވެ.