ޕޯސްޓް-މޯޓަމް ނުވަތަ އޮޓޮޕްސީ ހެދުމުގައި ޢަމަލުކުރާނެގޮތުގެ މިންގަނޑުތަކެއް އެކުލަވާލައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ޢާންމުކުރައްވައިފިއެވެ.
ޕޯސްޓް-މޯޓަމް ނުވަތަ އޮޓޮޕްސީ ހެދުމުގައި ޢަމަލުކުރާނެގޮތުގެ މިންގަނޑެއްގެ އިތުރުން ޕޯސްޓް-މޯޓަމް ރިޕޯޓް ފޯމުގެ ނަމޫނާއެއްވެސް އެޗްއާރުސީއެމްއިން ވަނީ އެކުލަވާލައްވާފައެވެ. މި މިންގަނޑުތައް އެކުލަވާލުމުގެ މަޤްޞަދުތަކުގެތެރޭގައި ޝައްކު އުފެދޭ ޙާލަތްތަކުގައި މަރުވާ މީހުންނާއި ކުޑަކުދިންގެ މަރުގެ ޙަޤީޤަތް ހޯދުމަށާއި، އިންސާފު ހޯދުމަށް މަގުފަހިކޮށްދިނުން ހިމެނޭކަމަށް އެޗްއާރުސީއެމްއިން ވިދާޅުވެއެވެ. އަދި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކުން ރައްކާތެރިކޮށްފައިވާ ދިރިހުރުމުގެ ޙައްޤާއި، އެކަށީގެންވާ ބަދަލެއް ހޯދުމުގެ ޙައްޤު ރައްކާތެރިކުރުމާއި، މިޙައްޤުތައް ރައްކާތެރިކުރުމަށް ދައުލަތުން އެއްބަސްވެފައިވާ ޒިންމާތައް އަދާކުރުމަށް ބާރުއެޅުންވެސް މި އުސޫލުގެ މަޤުސަދުގެ ތެރޭގައި ހިމެނެކަމަށް އެޗްއާރުސީއެމް އިން ވިދާޅުވެއެވެ.
އަދި ޕޯސްޓް-މޯޓަމް ނުވަތަ އޯޓޮޕްސީ ޓެސްޓްތައް ހެދުމުގައި ނިޔާވެފައިވާ ފަރާތުގެ ޢާއިލާއަށާއި ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކަށް މަޢުލޫމާތުދިނުމުގައި ޢަމަލުކުރާނެގޮތުގެ ގައިޑްލައިންއެއް އެކުލަވާލުމާއި ޝައްކު އުފެދޭ މަރުތަކާއި ޤަތުލުތަކުގައި ނިޔާވާ މީހުންނާއި ކުޑަކުދިންގެ މައްސަލަތަކުގައި ޢަދުލު އިންސާފު ހޯދުމަށް ޤާނޫނީގޮތުން ހެކީގެ ގޮތުގައި ހުށަހެޅުމަށް ބޭނުންވާ މެޑިކަލް ޓެސްޓްތައް ހެދުމަށް ދިމާވާ ދަތިތައް ޙައްލުކުރުމަކީވެސް މި ގައިޑްލައިން އެކުލަވާލުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެއްކަމަށް އެޗްއާރުސީއެމްއިން ވިދާޅުވެއެވެ.
މި ގައިޑްލައިންގެ މަޤްޞަދުތައް ހާޞިލުކުރުމަށް ދަޢުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެ ފަރާތްތަކުގެ
މަސައްކަތްތަކުގައި މި ގައިޑްލައިންއަށް ރިޢާޔަތްކުރެއްވުމަށާއި މި ގައިޑްލައިންގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެކުލަވާލުމަށް ބާރުއަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތައް ވީ އެންމެ އަވަހަކަށް އެކުލަވާލުމަށްވެސް އެޗްއާރުސީއެމްއިން އިލްތިމާސްކުރައްވައެވެ.