ޚަބަރު

ހަތަރު ގަޑިއެއްހައިއިރު ފަހުން ރައީސް ޔާމީން ފުލުހުންގެ އިދާރާއިން ނުކުމެވަޑައިގެންފި


މަނީ ލޯންޑަރިންގެ މައްސަލައިގެ ތަހުޤީޤަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށްފަހު ގާތްގަނޑަކަށް 4 ގަޑިއިރު ފަހުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފުލުހުންގެ އިދާރާ އިން ނިކުމެވަޑައިގެންފިއެވެ.

ރައީސް ޔާމީންގެ މައްޗަށް މިއަދު ތުހުމަތުކުރީ އޭސީސީގެ ބެލުމުގެ ދަށުން އުފެއްދި އެމަނިކުފާނުގެ އެކައުންޓަށް އޭސީސީއާ އެކު އެއްބަސްވި ގޮތާ ޚިލާފަށް އެއްމިލިއަން ޑޮލަރު ޖަމާކުރިކަމުގެ ތުހުމަތުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ނުކުމެވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓުގައި ހުރީ ޖާއިޒް ފައިސާ ކަމަށާ، އެފައިސާގެ ޞައްޙަކަމާމެދު ތަޙުޤީޤުގައި ޖަވާބުދާރީވާންޖެހޭ ހިސާބަށް ދިއުމުން ޖަވާބުދާރީވެ ވަޑައިގަންނަވާނެކަމަށެވެ. އަދި ފުލުހުން އެމަނިކުފާނުގެ މައްޗަށް ކުރަނީ އެއްވެސް ބުރަދަނެއްހުރި ތުހުމަތެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.