ޚަބަރު

ޖުޑީޝަލް ކައުންސިލެއް ސުޕްރީމް ކޯޓުން އުފައްދައިފި


ޢަދުލް އިންޞާފު ޤާއިމުކުރުމުގެ ސިޔާސަތުތައް ކަނޑައެޅުމަށް ފަނޑިޔާރުންގެ މެދުގައި މަޝްވަރާކުރުމަށް " ޖުޑީޝަލް ކައުންސިލް" ގެ ނަމުގައި ކައުންސިލެއް ސުޕްރީމްކޯޓުން އުފައްދައިފިއެވެ.

ސުޕްރީމްކޯޓުން ބުނީ އެ ކޯޓަށް ލިބިގެންވާ ބެލެނިވެރިކަމުގެ ދަށުން އެކުލަވާލި ޖުޑީޝަލް ކައުންސިލްގެ މަޤްސަދަކީ ކޯޓްތައް ހިންގުން ކުރުމުގެ ގޮތުން އުޞޫލަކުން ހަދަންޖެހޭ ޤަވާޢިދުތައް ހެދުންކަމަށެވެ. އަދި ހުރިހާ ކޯޓެއްގައި އެއް މިންގަޑުތަކެއް ހިފެހެއްޓުމަށް މަގު ފަހިކުރުމުގެ ގޮތުން ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ޤަވައިދު ހެދުމާއި އެކުލަވާލަންޖެހޭ ޢުސޫލުތައް އެކުލަވާލުމަކީވެސް މި ކައުންސިލްގެ ޒިންމާއެކެވެ. މީގެއިތުރުން ކޯޓްތަކުން ހިންގާ ޝަރީއަތް ހިންގުމުގައި ހުރިހާ ކޯޓްތަކުން ގެންގުޅެންޖެހޭ މައިގަނޑު ސިޔާސަތުތަކާއި ޢުސޫލުތައް ކަނޑައެޅުމުގައި ބޭނުންވާ މަސްވަރާތައް ސުޕްރީމްކޯޓަށް ފަނޑިޔާރުންގެ މަޖިލީހަށް ދިނުމަކީވެސް މި ކައުންސިލްގެ މަޤްސަދެއްކަމަށެވެ.

ޖުޑިޝަލް ކައުންސިލް އެކުލެވިގެންވާގޮތް
• އުއްތަމަ ފަނޑިޔާރު
• ސުޕްރީމްކޯޓްގެ ފަނޑިޔާރުން
• ހައިކޯޓްގެ އިސް ފަނޑިޔާރު
• ސިވިލްކޯޓްގެ އިސް ޤާޟީ
• ކްރިމިނަލްކޯޓްގެ އިސް ޤާޟީ
• ޖުވެއިނަލް ކޯޓްގެ އިސް ޤާޟީ
• ޑްރަގް ކޯޓްގެ އިސް ޤާޟީ
• ދިވެހި ރާއްޖޭގެ ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންގެ ތެރެއިން ޢައްޔަންކުރެވޭ 2 މެޖިސްޓްރޭޓުން

ޖުޑީޝަލް ކައުންސިލްގެ ރިޔާސަތު ބަލަހައްޓާނީ އުއްތަމަ ފަނޑިޔާރުއެވެ. ޖުޑީޝަލް ކައުންސިލުން ނިންމާ ނިންމުންތަކަށް ތަންފީޛީ ބާރު ލިބިގެންދާނީ އެ ނިންމެއް ދިވެހި ރާއްޖޭގެ ސުޕްރީމްކޯޓްގެ ފަނޑީޔާރުންގެ މަޖިލީހަށް ހުށައެޅި އެ ނިންމުން ތަންފީޛުކުރުމަށް ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުން ފާސްކުރުމުންނެވެ.