ޚަބަރު

ބުރިޖާއި ހައިވޭގައި ސްޕީޑް ކެމެރާ 3 މަސްތެރޭގައި ހަރުކުރާނަން - ފުލުހުން


ބުރިޖާއި ހައިވޭގައި ސްޕީޑް ކެމެރާއާއި، ސަރވައިލަންސް ކެމެރާ ބެހެއްޓުމުގެ މަސައްކަތް ކުރިއަށްއޮތް 3 މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ފުލުހުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފުލުހުންގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޙަސަން ވިދާޅުވީ، ބުރިޖާއި ހައިވޭގައި ސަރވައިލަންސް ކެމެރާ ހަރުކުމަށްޓަކައި ކުރަންޖެހޭ ޓެކްނިކަލް ސަރވޭއާއި، ދިސާރާގެ މަސައްކަތް ނިމިފައިވާކަމަށެވެ. އެގޮތުން މިކަން ކުރާނެގޮތުގެ ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ބުރިޖާއި ހައިވޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ޚާއްޞަ ކޮމާންޑް ސެންޓަރެއް ޤާއިމުކޮށް، ޤަވާއިދާ ޚިލާފުވާ ފަރާތްތަކަށް ވަގުތުން ވަގުތަށް ޤަވާއިދުގެ ތެރެއަށް ރުޖޫޢަވުމަށް އެންގޭނެ ނިޒާމެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޙަސަން ވިދާޅުވީ ބުރިޖާއި ހައިވޭ މަތީގައި ޤަވާއިދާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރާނެކަމަށާއި، އެގޮތުން ޤަވާއިދާ ޚިލާފުވާ މީހުންނަށް އެސްއެމްއެސް މެދުވެރިކޮށް ޖޫރިމަނާ ކުރެވިއްޖެކަން އެންގޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"
"ބުރިޖުގެ ކޮންމެ 100 މީޓަރަކުން ވަކިން ލޭން ބަދަލުކުރާ ފަރާތްތަކަށް އަޅުގަނޑުމެން ކޮމާންޑް ސެންޓަރުގަ ތިބެގެން އެ މައުލޫމާތު ދެވޭނެ، މިހާރު ތިބޭފުޅާ ތިދަތުރުކުރަނީ ގޯސް ލޭނުންކަން، ރަނގަޅު ލޭނަށް ދަތުރުކުރުމަށް. މި ބަދަލާއެކު ޤަވާއިދާ ޚިލާފުވާ ފަރާތްތައް ކުރަންޖެހޭ ފައިންއެއް އަޅުގަނޑުމެން ސިސްޓަމް މެދުވެރިކޮށް އެންޓަރ ކޮށްލާއިރަށް މޯބައިލް ފޯނަށް ފޮނުވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް މިކުރަނީ"
ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޙަސަން ވިދާޅުވިއެވެ.

ފުލުހުން ބުނީ ޓްރެފިކް ޤަވާއިދާ ޚިލާފުވެގެން ޖޫރިމަނާކުރާ ފަރާތްތައް ޖޫރިމަނާ ދައްކަން ޖެހޭނެކަމަށާއި، މިކަން ތަންފީޒުކުރުމަށް ފައިސާ ނެގޭނެ ހަރުދަނާ އުސޫލެއް ޤާއިމުކުރަންޖެހޭކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ބުރިޖާއި ހައިވޭ އާންމު ދަތުރުފަތުރަށް ހުޅުވާލުމަށްފަހު މިހާތަނަށް ބުރިޖުމަތީގައި 27 އެކްސިޑެންޓް، ހައިވޭމަތީގައި 48 އެކްސިޑެންޓް އަދި ރިންގް ރޯޑްގައި 45 އެކްސިޑެންޓް ހިނގައިގެން ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. ބުރިޖުމަތީގައި ހިނގާ އެކްސިޑެންޓްތައް ރިޕޯޓްކުރާތާ ގިނަވެގެން 5 މިނެޓްތެރޭގައި އެޓެންޑްކުރާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ބުރިޖާއި ހައިވޭމަތީގައި ސްޕީޑް ކެމެރާއާއި ސަރވައިލަންސް ކެމެރާ ހަރުކުރުމަށް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވެއެވެ. މިމަސައްކަތް ކުރަމުންދަނީ ފުލުހުންނާއި، ޓްރާންސްޕޯޓް އޮތޯރިޓީއާއި ހައުސިންގ މިނިސްޓްރީ ގުޅިގެންނެވެ.