ޚަބަރު

އަދީބު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފި


ތެއްތިރީސް އަހަރުގެ ޖަލުޙުމެއް ތަންފީޒުކުރައްވަމުންދާ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.

އަދީބު އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައިވަނީ ކޮން ކަމަކަށް ފަރުވާ ދިނުމަށް ކަމެއް އަދި ސާފެއް ނުވެއެވެ.
އަދީބު އެޑްމިޓް ކޮށްފައިވާ ކޮޓަރިކޮޅުގައި 24 ގަޑިއިރު، އެމަނިކުފާނުގެ އާއިލާގެ ފަރާތުން އަނބިކަނބަލުންނަށް ހުރެވޭނެ އިންތިޒާމް ކަރެކްޝަނަލް ސަރވިސް އިން ވަނީ ހަމަޖައްސާފައެވެ. އަދި އައިޖީއެމްއެޗްގެ ވިޒިޓިންގ ގަޑިތަކުގައި އާއިލާގެ މެންބަރުންނަށްވެސް ޒިޔާރަތް ކުރެވޭނެކަމަށް ކަރެކްޝަނަލް ސަރވިސް އިން ބުނެއެވެ.

އަދީބުގެ ސިއްޙީ ޙާލުހުރިގޮތުން ގޭ ބަންދަށް ބަދަލުކުރުމަށްފަހު އަނބުރައި ޖަލަށް ގެންގޮސްފައިވަނީ މިމަހުގެ ދެވަނަ ދުވަހުގެރެއެވެ.

އަދީބު އަނބުރާ ޖަލަށް ބަދަލު ކޮށްފައިވަނީ، ގޭގައި ބަހައްޓައިގެން ފަރުވާދޭން ޑޮކްޓަރު ލަފާދިން މުއްދަތު ހަމަވުމާ ގުޅިގެންކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އަދީބަށް އެކަށީގެންވާ ސިއްޙީ ފަރުވާ ދޭނެކަމުގެ ޔަޤީންކަން ހޯމް މިނިސްޓަރ ވަނީ ދެއްވާފައެވެ.

އަދީބު ޖަލަށް ބަދަލުކުރުމަށްފަހު ބަހައްޓަވާފައި ހުންނަނީ މާފުށީ ޖަލުގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައިކަމަށް ކަރެކްޝަނަލް ސަރވިސް އިން ވަނީ ބުނެފައެވެ.