ޚަބަރު

ރައީސް ޔާމީން އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރު ކުރަނީ


ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގެ މައްސަލައިގެ ތަހުޤީޤަށް މާދަމާ އަނެއްކާވެސް އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ޙާޒިރުވެވަޑައިގަތުމަށް އަންގައިފިއެވެ.

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ޙާޒިރުވާން އެއިދާރާއިން އަންގާފައިވަނީ މާދަމާ މެންދުރުފަހު 1:30 އަށްކަމަށް ޕީޕީއެމްއިން ބުނެއެވެ.

އެންމެފަހުން އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ޙާޒިރުކޮށްފައިވަނީ މިދިޔަމަހުގެ 15 ވަނަދުވަހުއެވެ. އެދުވަހު އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރީ ސިޔާސީ މައްސަލައެއްގައި ކަމަށާއި ނަމަވެސް އެ މައްސަލައަށް އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވެއެވެ.

އެދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށްފަހު ފުލުހުން ސުވާލު ކުރީ ދެ ކަމެއްގައި ކަމަށެވެ. އޭގެތެރެއިން އެއް ކަމަކީ އެމަނިކުފާނުގެ އެކައުންޓަށް ވަތް ފައިސާތަކަކާއި ބެހޭ މައްސަލައެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެ ފައިސާތަކަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ކަންކަމަށް ޚަރަދު ކުރުމަށްޓަކައި އެކައުންޓަށް ވަތް ފައިސާއެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުޥި އަނެއް މައްސަލައަކީ އެމްއެމްޕީއާރުސީގެ ޗެކެއްގެ މައްސަލަ ކަމަށެވެ.

ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި ވަނިކޮށް ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް 22.5 މިލިއަން ރުފިޔާ ވަދެފައިވާ ކަމުގެ އަޑުތަކެއް ފެތުރިގެންދިޔައެވެ. އެގޮތުން ދެފަހަރެއްގެ މަތިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ. އަދި އެކަން ބައިނަލްއަޤްވާމީ މީޑިއާތަކުގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ. އަދި އެ މައްސަލަ މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވަނީ ފުލުހުންނަށްވެސް ހުށަހަޅާފައެވެ.