ޚަބަރު

މައުމޫންގެ ރިފޯމް މޫވްމަންޓުން މަޖިލީހަށް ވާދަކުރާނެ ފަރާތްތައް ހޯދަނީ


ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ރިފޯމް މޫވްމަންޓް ( އެމްއާރުއެމް) ގެ ތާއީދާއި އެކު ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

މައުމޫން ރިފޯމް މޫވްމަންޓުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެމްއާރުއެމްގެ ތާއީދާއެކު މަޖިލީހަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 10 ވަނަދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި އެމްއާރުއެމްގެ ޓިކެޓަށް ޝައުގުވެރިވާ ފަރާތްތަކުން 7965444 މެސެޖަކުން އަންގާދިނުމަށް އެދޭކަމަށްވެސް އެމްއާރުއެމް އިން ބުނެއެވެ.

އެމްއާރުއެމްގެ ތާއިދާއެކު މަޖިލީހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާއިރު ރައީސް މައުމޫންގެ ތާއީދާއެކު މަޖިލީހަށް ވާދަކުރަން ބޭނުންވާ ބައެއް ފަރާތްތަކާއި އެމްއާރުއެމުން މިހާރުވެސް އަންނަނީ އިންޓަވިއުކުރަމުންނެވެ.

އިންތިހާބަށް ހުރިހާ ޕާޓީތަކުން ތައްޔާރުވަމުން އަންނައިރު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީން ވަނީ މަޖިލީހުގެ 86 ދާއިރާއަށް ވާދަކުރާނެކަން އިއުލާންކޮށްފައެވެ. އަދި އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންތައް ފަށާފައިވާއިރު މިމަހުގެ 18ވަނަ ދުވަހު ޕްރައިމެރީ ބޭއްވުމަށް އެ ޕާޓީން އަންނަނީ ތައްޔާރުވަމުންނެވެ.

ޖުމްހޫރީ ޕާޓީންވެސް ވަނީ މަޖިލީހުގެ ދާއިރާތަކަށް އެ ޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ. އެހެންނަމަވެސް އެ ޕާޓީން ވާދަކުރާނީ ކިތައް ދާއިރާއަށް ކަމެއް އަދި އެ ޕާޓީން ނުބުނެއެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައ އޮތް ޕީޕީއެމުންވެސް ވަނީ ރައްޔިތުން މަޖިލީހަށް ވާދަކުރާނެކަން އިއުލާންކޮށްފައެވެ. އަދި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ތާއީދުކުރައްވާ އަދި އެމަނިކުފާނާ ގާތްގުޅުމެއް އޮންނަ ފަރާތްތަކަށް އެއްވެސް ޕްރައިމަރީ އަކާއި ނުލާ ޓިކެޓްދީފައެވެ.

އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އޭޕްރިލްމަހުގެ 6 ވަނަދުވަހުއެވެ.