ޚަބަރު

އަދީބު ހުންނަވަނީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި - ކަރެކްޝަން


ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ޖަލަށް ބަދަލުކުރުމަށްފަހު، ހުންނަވަނީ މާފުށީ ޖަލުގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައިކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން ބުނެފިއެވެ.

ޓެރަރިޒަމާއި ޚިޔާނާތުގެ އެކިއެކި ކުށްތައް ސާބިތުވެ، 33 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ އަޙްމަދު އަދީބުގެ ސިއްޙީ ޙާލުހުރިގޮތުން ގޭ ބަންދަށް ބަދަލުކުރުމަށްފަހު އަނބުރައި ޖަލަށް ގެންގޮސްފައިވަނީ މިމަހުގެ 2ވަނަ ދުވަހުގެރެއެވެ.

އަދީބު ގޭބަންދަށް ބަދަލުކުރި މުއްދަތުހަމަވުމާގުޅިގެން ޖަލަށް ބަދަލުކުރުމާއެކު ކުރިން ޖަލުގައި އަދީބު ބަންދުކޮށްފައި ހުންނަވާ ތަނާ ގުޅޭގޮތުން ޢާއިލާއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދީބު ޖަލަށް ބަދަލުކުރުމާ ގުޅިގެންވެސް ޢާއިލާއާއި އެމަނިކުފާނަށް ތާޢީދުކުރާ ފާރާރްތަކުން ކަންބޮޑުވުން ފާޅުކޮށް ނުރުހުން ފާޅުކުރަމުންދެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިޝަލަކު ވިދާޅުވީ، އަދީބު ޖަލަށް ބަދަލުކުރީ ގޭބަންދަށް ބަދަލުކުރި މުއްދަތު ހަމަވުމުންކަމަށާ، އަދީބާމެދު ޢަމަލުކުރަނީ އިންސާނީ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަކަށް ކަމަށެވެ. މިގޮތުން ފަހުން ޖަލަށް ބަދަލުކޮށްފައި އަދީބު ބަހައްޓަވާފައިވަނީ މާފުށީ ޖަލުގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައިކަމަށްވެސް ކަރެކްޝަނަލް ސަރވިސްގެ އޮފިޝަލް ވިދާޅުވިއެވެ.

ކަރެކްޝަނަލް ސަރވިސުން ބުނީ އަދީބުގެ ސިއްޙީ ހާލަތު ދެނެގަތުމައްޓަކައި ގަޑިން ގަޑިއަށް ޑޮކްޓަރުން އެމަނިކުފާނު ބަލަމުންދާކަމަށެވެ. ސިއްޙީ ސަބަބުތަކަށްޓަކައި އަދީބު ޖަލުގައި ނުބަހައްޓައި ގޭބަންދަށް ބަދަލުކުރުމަށްފަހު އަނބުރައި ގެންދިޔައީ ގޭގައި ބަހައްޓަން ޑޮކްޓަރު އިތުރަށް ލަފާ ދީފައިނުވާތީ ކަމަށާ ޖަލަށް ގެންދިޔަ ނަމަވެސް ފަރުވާގެ ކަންކަން ބަލަހައްޓާނެކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.