ވިޔަފާރި

ޕާޓިކަލްސް - ހުރިހާ ބާވަތެއްގެ މުދާ އެއްތަނަކުން


ހުރިހާ ބާވަތެއްގެ މުދާ އެއް ތަނަކުން ގަންނަން ލިބޭގޮތަށް "ޕާޓިކަލްސް" ގެނަމުގައި އޮންލައިން ވެބްސައިޓެއް ތަޢާރަފްކޮށްފިއެވެ.

ޕާޓިކަލްސް ޕްލެޓްފޯރމަކީ އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އެކި ވެބްސައިޓްތަކާއި އޮންލައިން އެހެން ޕްލެޓްފޯމްތަކަށް ބޭނުން ނުކޮށް، އެއް ތަނަކުން ހުރިހާ މުދަލެއް ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ވެބްސައިޓެކެވެ. މިގޮތުން މިވެބްސައިޓުން ކާބޯތަކެއްޗާއި، ފަރުނީޗަރާއި އަންނައުނުން ފެށިގެން ކުއްޔަށްދޭ އެޕާޓްމަންޓާއި އުޅަނދުފަހަރުވެސް މިވެބްސައިޓުން ގަނެވެއެވެ. އެއްވެސް އަގެއް ނުނަގައި ދޭ މިޚިދުމަތުގެ ތެރެއިން އެއް ފަހަރު ބޭނުންކޮށްފައި ހުންނަ މުދާވެސް މިވެބްސައިޓް މެދުވެރިކޮށް ވިއްކެއެވެ.

ޕާޓިކަލްސްގެ ކޯ-ފައުންޑަރ އަދި ސިއީއޯ އިސްމާއިލް ޝާފިއު ވިދާޅުވީ ރާއްޖޭގެ ވިޔަފާރިކުރުމުގެ ދާއިރާ ކުރިއަރަމުންދާއިރު ކުދި ވިޔަފާރިތަކަށް އަދިވެސް އެކަށީގެންވާ ފުރުޞަތުތައް ފަހިވެފައި ނެތްކަމަށެވެ. އެހެންކަމުން ޕާޓިކަލްސްގެ އުއްމީދަކީ ކުދި ވިޔަފާރިތަކަށް ފުރުޞަތުތައް ފަހިކޮށްދީ، ވިޔަފާރީގެ ރޮނގުން އެފަރާތްތަކަށް ކުރިއެރުންތައް ހޯދައިދިނުންކަމަށް ޝަފީޢު ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް އަތޮޅުތެރޭގައި ހިނގާ ކުދި ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދީ ބޮޑެތި ވިޔަފާރިތަކާއި އަރާހަމަކުރެވޭނެ ފުރުސަތު ހޯދައިދިނުމަކީ ޕާޓިކަލްސްގެ އަމާޒެއްކަމަށް ޝަފީޢު ވިދާޅުވިއެވެ.

" ރަށްރަށުގައި ތިބި މީހުންނަށް މާލޭގައި ތިބި މީހުންނާއި އެއްފެންވަރެއްގައި ފުރުސަތު ހުޅުވައިދިނުމަކީ އަޅުގަނޑުމެންގެ އަމާޒު. ކޮންމެހެން ނުޖެހޭ ކުއްޔަށް ތަނެއް ހިފާފަ ބޮޑު ލޯންއެއް ނަގައިގެން ވިޔަފާރިއެއް ފަށަން. ޕާޓިކަލްސްއިން މިހާރުވެސް ވިޔަފާރި ފަށަންވީ. އަޅުގަނޑުމެން މިކިޔަނީ އެހެވޭ ރޮޝިފިހާ ބޭފުޅަކަށް ވިޔަސް ނޫނީ ޓޮޕް ނޮޗް ފިހާރައަކަށް ވިޔަސް." އިސްމާޢިލް ޝާފިޢު ވިދާޅުވިއެވެ. ޝާފިޢު ވިދާޅުވީ ބީއެމްއެލް މެދުވެރިކޮށް ޕާޓިކަލްސްގެ ޕްރޮޑަކްޓްސްތައް ގަނެލެވޭއިރު މި ޕްރޮޑަކްޓްސްތައް ޑެލިވަރކުރުމަށް ވެސް ޕާޓިކަލްސްއިން ފަސޭހަގޮތްތަކެއް އިންތިޒާމްކޮށްފައިވާކަމަށެވެ.

"ރާއްޖޭގައި މިހާރު މިއުޅެނީ ޕޯސްޓާއި އެހެނިހެން ޚިދުމަތްތައް. އަޅުގަނޑުމެން ކުރިމަގަށް ބަލާއިރު އަސްލު ދިވެހިރާއްޖޭގައި މިހާރުވެސް ޑެލިވަރކޮށްދޭ ހުރިހާ ރަށަކަށް. ހަމައެކަނި ނެތީ ސިސްޓަމްއެއް މި އެއްޗިހި ޕްރޮސެސްކުރަން. އަޅުގަނޑުމެން މިސާލަކަށް ސިސްޓަމްއެއް ހުޅުޥާލަނީ ޕިކްއަޕްގެ ޚިދުމަތްކޮށްދިނުމަށް ލާރިދީގެން. އެހެންގޮތަކަށް ބުނަންޏާ ބިޒްނެސް ބިޒްނެސްއަށް ޑެލިވަރކޮށްދިނުމުގެ ބަދަލުގައި މީހުން މީހުންނަށް ޑެލިވަރކޮށްދޭ ސިސްޓަމްއެއް ޤާއިމްކުރަން." އިސްމާއިލް ޝާފިޢު ވިދާޅުވިއެވެ.

ޕާޓިކަލްސް ވެބްސައިޓް މެދުވެރިކޮށް ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އެއްވެސް ފީއަކާއި ނުލައި ރަޖިސްޓަރކޮށްގެން ވިޔަފާރިކުރެވޭނެއެވެ. މިހާތަނަށް 300 އަށް ވުރެ ގިނަ ފިހާރަތަކުން މިވެބްސައިޓުގައި ރަޖިސްޓްރީކޮށްފައިވާއިރު ޕާޓިކަލްސްއަށް ލިބެމުންދާ ތަރުޙީބު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަމަށް ޕާޓިކަލްސްއިން ބުނެއެވެ.

ޕާޓިކަލްސްއިން ދޭ ޚިދުމަތްތައް ކުރިއަށް އޮތްތަނުގައި ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ރާވާފައެވެ. މިގޮތުން އިތުރު އެޕްލިކޭޝަންތަކެއް ތަޢާރަފްކުރާއިރު އޭގެތެރޭގައި އޮންލައިންކޮށް ކާއެއްޗިހި ގަތުމާއި، ހޮޓެލް ބުކްކުރުމާއި، ބިލް ދެއްކުމަށާއި ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހެދުމާއި، ޓެކްސީ ހޯދުމަށް ބޭނުންވާ އެޕްލިކޭޝަންތައް ހިމެނެއެވެ.

10 މީހުންގެ ޓީމަކާއެކު ހިންގާ ޕާޓިކަލްސް ވެބްސައިޓުގެ ޚިދުމަތް ހިލޭ ސާބަހަށް ފޯރުކޮށްދެމުންދާއިރު ޕާޓިކަލްސްގެ އުއްމީދަކީ މުސްތަޤްބަލުގައި އަލަށް ވިޔަފާރި ފަށާ ޒުވާނުންނަށާއި ކުދިވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ.