ވިޔަފާރި

ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރަނީ


ސަރުކާރުގެ އަމާޒަކީ ވީ އެންމެ އަވަސް މުސްތަޤްބަލެއްގައި މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުންކަމަށް އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ ޝާހިދު ޢަލީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، އެމްޕީއެލް ބަނދަރު ތޮށްޖެހި، މުދާ ހުސްކުރުމަށް ގިނަ ދުވަސްތަކެއް ހޭދަވާއިރު އެކަމުގެ ހައްލަކީ ބަނދަރުގެ ޖާގަ ބޮޑުކުރުންކަމަށެވެ. ނަމަވެސް ބަނދަރުގެ ޖާގަ ބޮޑުކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށާއި އެކަމަށް އޮތް ހަމައެކަނި ޙައްލަކީ ބަނދަރު އެހެން ތަނަކަށް ބަދަލުކުރުންކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ބެލިބެލުމުން ބަނދަރު ބަދަލުކުރުމަށް އެންމެ އެކަށީގެންވާ ތަނަކީ ތިލަފުށިކަމަށް ޝާހިދު ވިދާޅުވިއެވެ.

"މީގައި އޮތް ގޮތަކީ ބަނދަރު ބޮޑުކުރެވޭނެ ތަނަކަށް ބަނދަރު ބަދަލުކުރުން، އެއީ ތިލަފުށްޓަށް ބަދަލުކުރުން، މާލެ ސަރަޙައްދުގައި އެކަން ކުރެވެން އޮތީ ހަމައެކަނި ތިލަފުށީގައި، ވަރަށް ގިނަ ދިރާސާތައް ހެދިފައި އެބަހުރި، ހުރިހާ ދިރާސާއަކުންވެސް ދައްކަނީ ތިލަފުށްޓަށް ބަނދަރު ބަދަލުކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ތިލަފުށްޓަށް ބަނދަރު ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި މަޝްވަރާތައް މިހާރު ކުރިއަށްދާކަމަށެވެ. އަދި ތިލަފުށްޓަށް ބަނދަރު ބަދަލުކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެންކަމަށް ޝާހިދު ވިދާޅުވިއެވެ.

"ފިޔަފަހިތަކަކަށް ބަހާލައިގެން އެމަސައްކަތް ކުރިއަށްގެންދާނީ، ފުރަތަމަ ބައެއް އޮޕަރޭޝަންތައް ތިލަފުށްޓަށް ބަދަލުކޮށްފައި، އަނެއްބައި އޮޕަރޭޝަންތައް މާލޭގައި ހިނގާ ގޮތަށް، އެގޮތަށް ބަދަލުކުރަމުން ގޮސް، އެއްކޮށް ތިލަފުށްޓަށް ބަދަލުކުރުމަށް ރާވާފައި އޮތީ، އެއްކޮށް ތިލަފުށްޓަށް ބަދަލުކުރީމަ މިސަރަޙައްދުގައި އެހެން މަސައްކަތެއް ކުރެވިދާނެ، އެއްކޮށް ބަދަލުކުރީމަ. ސަރުކާރުން ނިންމަވާނީ ކޮން ގޮތަކަށްތޯ މިބިން ބޭނުންކުރާނީ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރެއް ނުވަތަ ތިން އަހަރެއްހާ ދުވަހުގެތެރޭގައި ބަނދަރު ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހި މަސައްކަތް ފެށިގެންދާނެކަމަށެވެ. އަދި ތިލަފުށްޓަށް ބަނދަރު ބަދަލުކުރުމުން ވިޔަފާރިވެރިންނަށް ވަރަށް ބޮޑެތި ފައިދާތަކެއްވެ، އެމްޕީއެލްއަށްވެސް ފަސޭޙަތަކެއް ވެގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން މިހާރު އޮތް ބަނދަރަށްވުރެ ޖާގައިގެ ގޮތުން ދެ ގުނަ ބޮޑު ސަރަޙައްދެއްގައި ބަނދަރު އޮޕަރޭޓްކުރުމުން، މުދާ އިމްޕޯޓްކުރެވޭ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

" ޕޯޓް ބަދަލު ކުރެއްވިޖެނަމަ ވަރަށް ގިނަ ފައިދާތަކެއް ވާނެ، ބޯޓު ފަހަރު އައިސްސަ، ކައިރިކޮށްފައި، ވަރަށް އަވަސްކޮށް މުދާތައް ބާލާފައި، އެބޯޓު ފުރައިގެން ދާނެ، އަދި އެއް ދުވަސް ނުވަތަ ދެ ދުވަސްތެރޭގައި މުދާ ކްލިއަރ ކުރެވޭނެ، އޭގެ ސަބަބުން ބަނދަރުގައި ތޮށްޖެހުން އެއްކޮށް ނެތިގެންދާނެ، އަނެއްކޮޅުން ތިލަފުށްޓަށް ދިއުމަކީ ތިލަފުށީގައި ގުދަންކުރުމުގެ ޖާގައާއި އެހުރިހާ ކަމެއް އޮތްތަނަކަށްވާތީ މާލޭއަށް މުދާ އެތެރެކޮށްފައި، މާލޭގައި ގުދަންކޮށްފައި، މާލޭއިން ރާއްޖޭގެ އެކި ހިސާބުތަކަށް ފޮނުވަންޖެހޭ ފޮނުވުން ހުއްޓިގެންދާނެ، މާލޭގެ ޓްރެފިކަށްވެސް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ" ޝާހިދު ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާހުރެ މުދާ ބޭލުމާއި މުދާ ހުސްކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުން ބާޒާރުގައި ވިއްކާ ތަކެތީގެ އަގަށް ބޮޑު އަސަރެއް ކުރާކަމަށް ވިޔަފާރިވެރިން ބުނެއެވެ. އަދި ތަކެތީގެ އަގު ހެޔޮކުރުމަށް މުދާ ބޭލުން އަވަސްކުރުމަކީ ކޮންމެހެން މުހިއްމުކަމެއްގެ ގޮތުގައި ވިޔަފާރިވެރިން ދެކެއެވެ. މިހާރު އާއްމުގޮތެއްގައި ބޯޓަކުން މުދާ ކްލިއަރކުރުމަށް ދިހަ ދުވަހާއި ފަނަރަ ދުވަހުގެ މުއްދަތެއް ހޭދަވާއިރު، ކުރިއަށް އޮތް ރޯދަމަހުގެ ކުރިން މިކަމަށް ޙައްލެއް ގެނައުމަށް އެމްޕީއެލްއިން ދަނީ މަސައްކަތްތަކެއްކުރަމުންނެވެ. އެގޮތުން ފަސް ވަރަކަށް ދުވަހުގެ ތެރޭގައި ބޯޓުން މުދާ ކްލިއަރކުރުމަށް އެމްޕީއެލްއިން ވަނީ އަމާޒުހިފާފައެވެ.