ވިޔަފާރި

ހަޤީޤަތާއި ހިލާފް ވާހަކަތައް ނުފެތުރުމަށް ކުރީގެ ސީއީއޯ ޒުހޫރަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި


ސްޓެލްކޯ އާއި ބެހޭގޮތުން ހަޤީޤަތާއި ހިލާފް ވާހަކަތައް ނުފެތުރުމަށް ސްޓެލްކޯގެ ކުރީގެ ސީއީއޯ އަޙްމަދު ޒުހޫރަށް އެކުންފުނިން އިލްތިމާސްކޮށްފިއެވެ.
ސްޓެލްކޯއިން މިގޮތަށް އިލްތިމާސްކޮށްފައިވަނީ، އެކުންފުންޏާއި ގުޅޭގޮތުން ސައްހަނޫން މައުލޫމާތުގެ މައްޗަށް ބިނާކޮށް ޒުހޫރު ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ.

ސްޓެލްކޯއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދަޢުލަތުގެ އިސްމަޤާމްތަކާއި ސްޓެލްކޯގެ ސީއީއޯކަން ކުރައްވާފައި ބޭފުޅަކު، ސިޔާސީ ވަކި މަޤްސަދެއް ހާސިލްކުރުމަށް ކުންފުންޏާއި މުއައްޒަފުން ބަދުނާމުވާގޮތަށް ސާބިތު ނުހިފޭ ދޮގު ވާހަކަތައް ދެއްކުމަކީ ސްޓެލްކޯއިން ނިހާޔަތަށް ކަންބޮޑުވާކަމެއްކަމަށެވެ.

ޒުހޫރުގެ ޓުވީޓުގައި، ސްޓެލްކޯއަށް ގެއްލުންވަމުންދަނީ ކޮމިޝަން ނަގައިގެން ކުންފުނީގެ މަސައްކަތްތައް ކުރަމުންދާތީކަމަށް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދެމުން ސްޓެލްކޯއިން ބުނީ، މިފަދަ ކަންކަމަށް ޝައްކު އުފައްދައި ޒުހޫރު މިހާރު ވާހަކަދައްކާއިރު، މަޤާމުގެ މަސްއޫލިއްޔަތުގައި ދެމިހުންނެވިއިރު، އެފަދަ ކަންކަން އެނގިހުރެ ބަލާ ތަޙްޤީޤް ނުކޮށް ދޫކޮށްލެއްވުމަކީ ކުންފުނިން ކަންބޮޑުވާކަމެއްކަމަށެވެ.
އަދި އެބާވަތުގެ ޢަމަލެއް އަހުމަދު ޒުހޫރު ހިންގާފައިވާނަމަ، ފިޔަވަޅު އަޅަން ފަސްނުޖެހޭނޭކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ، ސްޓެލްކޯއިން ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރަނީ ކުންފުނީގެ ކަސްޓަމަރުންނާއި ރައްޔިތުންގެ އިތުބާރު ޤާއިމްވެފައިވާ ނިޒާމެއްގެ ތެރެއިންކަމަށެވެ.
އަދި ސްޓެލްކޯއިން އަމަލުކުރަމުން އަންނަނީ ވިޔަފާރި ކުންފުނިތައް ހިންގުމުގައި އަމަލުކުރާ ކޯޕަރޭޓް ގަވަނަންސް ކޯޑާއި އެއްގޮތްވާގޮތުގެ މަތިންކަމަށްވެސް އެކުންފުނީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.