ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބް ގޭ ބަންދުގައި ބެހެއްޓުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވަނީ ދެ މަހުގެ މުއްދަތަކަކަށް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަހުމަދު އަދީބް ރޭގެ ވަގުތެއްގައި ވަނީ އަލުން ޖަލަށް ބަދަލުކޮށްފައެވެ. އަދީބު ޖަލަށް ގެންގޮސްފައިވަނީ ބޭސްފަރުވާއަށް ގޭގައި ބެހެއްޓުމަށް ޑޮކްޓަރުން ދެއްވި ލަފަޔާއި ހިލާފަށްކަމަށް ބުނެ އަދީބުގެ ގާތް ބޭފުޅުން އަންނަނީ ޝޯޝަލް މީޑިއާ ސަރުކާރަށް ފާޑުކިޔަމުންނެވެ.
އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވަނީ އަދީބު ޖަލަށް ގެންގޮސްފައިވަނީ ޑޮކްޓަރުން ދެއްވި ލަފާގެ މުއްދަތު ހަމަނުވަނީސްކަމަށެވެެ. ޖެނުއަރީ މަހުގެ 28 ގެ ނިޔަލަށް އަދީބްގެ ގޭ ބަންދުގައި ބެހެއްޓުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާކަމަށް ނަޝްވާގެ ޓްވީޓްގައި ވިދާޅުވައިފައިވެއެވެ.
މި ވާހަތަކަށް ރައްދުދެއްވާ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ހޯމްލީ އެންވަޔަރަމަންޓެއްގައި ބެހެއްޓުމަށް ޑޮކްޓަރުން ލަފާދެއްވާފައިވަނީ އޮކްޓޯބަރ މަހުގެ 24 ވަނަދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 24 ގެ ނިޔަލަށްކަމަށެވެ. އަދި ދެ މަސްދުވަހުގެ މުއްދަތު ހަމަވެފައިވާއިރު އޭގެފަހުން އަދީބު ގޭގައި ބެހެއްޓުމަށް ޑޮކްޓަރުން ލަފާދެއްވާފައި ނުވާކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
ހަމަޖެހިފައިވާ އުސޫލުން ދައުލަތުން އަހުމަދު އަދީބުގެ ފަރުވާގެ ކަންކަން ބަލަހައްޓަވމުން ގެންދަވާނެކަމަށާއި އަދި އެއްވެސް މީހެއްގެ އަސާސީ އިންސާނީ ހައްޤު ޤާނޫނާއި ހިލާފަށް މި ސަރުކާރުން ނުހހިފައްޓަވާނެކަމަށްވެސް ހޯމް މިނިސްޓަރ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ބޭސްފަރުވާއަށް މާލެ ގެނައުމަށްފަހު މިދިޔަ ނޮވެމްބަރުމަހުގެ ހަތާވީސް ވަނަދުވަހުން ފެށިގެން އަހުމަދު އަދީބް ހުންނެވީ ގޭގައެވެ. އަދީބް ގެޔަށް ބަދަލުކޮށްފައިވަނީ ކިޑްނީގެ އޮޕަރޭޝަނެއް ކުރުމަށްފަހު ޑޮކްޓަރުންގެ ލަފާގެމަތިންނެވެ.