ޚަބަރު

ޤައިދީންނާއި ދޭތެރޭ ޢަމަލުކުރާގޮތުގެ މައުލޫމާތުތައް ހިއްސާކުރަން އެދެފި


ޖަލުތަކުގައި ޤައިދީންނާއި ދޭތެރޭ ޢަމަލުކުރާގޮތުގެ މައުލޫމާތުތައް ހިއްސާކުރަން ބޭނުންވާ ފަރާތަކަށް އެ ފުރުސަތު ޖަލުތައް އޮޑިޓްކުރުމަށް އެކުލަވާލި ކޮމިޝަނުން ހުޅުވާލައިފިއެވެ.

ކޮމިޝަން ފޯރ ޕްރިޒަން އޮޑިޓުން މނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނާއި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިދިޔަ މަހުގެ 18 ވަނަދުވަހު ފައްޓާފައިވާކަމަށެވެ. އަދި އެކަމާއި ގުޅޭ މައުލޫމާތުތައް އެއްކޮށް ދިރާސާކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

ކޮމިޝަނުން ބުނީ ރާއްޖޭގެ ޖަލުތަކުގެ ޙާލަތާއި ޖަލުތަކުގައި ޤައިދީންނާ ދޭތެރޭ ޢަމަލުކުރަމުންދާ ގޮތުގެ މަޢުލޫމާތު ޙިއްސާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 10ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. އަދި މަޢުލޫމާތު ޙިއްސާ ކުރަން ބޭނުންވާ ފަރާތްތަކުން އެ ކޮމިޝަންގެ މެއިލް [email protected] ނުވަތަ ކޮމިޝަންގެ ނަމްބަރު 3321752 އަށް ގުޅާ އެ މައުލޫމާތުތައް ހިއްސާކުރަމުން ގެންދިޔުމަށެވެ. އަދި ސީޓީއަކުން ނުވަތަ ހޯމް މިނިސްޓްރީގައި ޤާއިމުކޮށްފައިވާ ކޮމިޝަންގެ އޮފީހަށް ހާޒިރުވެ އެ މައުލޫމާތުތައް ޙިއްސާކުރެވޭނެކަމަށް ކޮމިޝަނުން ބުނެއެވެ.

ޖަލުތައް ބަލާ އޮޑިޓްކުރުމަށް ސަރުކާރުން ނިންމާފައިވާއިރު ހުކުމް ތަންފީޒުކުރަމުންދިޔަ ބައެއް ޤައިދީން ޖަލުގައި މަރުވެފައިވުމުން ޤައިދީންނަށް އިހާނަތިކޮށް ކަންކަންކުރާކަމަށް ބުނެ ކުރީގެ ރައީސް ޔާމީންގެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވެއެވެ.

ޖަލުތަކާއި ގުޅޭ އޮޑިޓެއް ހެދުމަކީ ރައީސް ވައުދެކެވެ. ޖަލުތައް އޮޑިޓްކުރުމަށް މިދިޔަ މަހުގެ 18 ވަނަދުވަހު ވަނީ ކޮމިޝަނެއް އުފައްދާފައެވެ. 7 މެންބަރުންގެ މައްޗަށް ހިމެނޭ މިކޮމިޝަނުގެ ރައީސަކަށް އައްޔަންކުރައްވާފައިވަނީ އައްޝައިޚް އަޙްމަދު ޢަބްދުލްކަރީމްއެވެ. މި ކޮމިޝަންގައި ދެން ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ ޑރ. ޢަބްދުﷲ އިސްނީން ހިލްމީ، ތެވެލި، ސ.ހިތަދޫ، ޝަހިންދާ އިސްމާޢިލް، މއ.ބޯގަންވިލާ، އަޙްމަދު މުޙައްމަދުފުޅު، ރިހިތަޅާގެ، ރ.ކަނދޮޅުދޫ، އަލްއުސްތާޛާ ޒުލައިޚާ ދާއޫދު، ގ.މާލެހިޔާ 2، އަލްއުސްތާޛާ ޝާދިޔާ އާދަމް، ސާތީ، އދ. ދަނގެތި، އައިމިނަތު ނާހީން އަޙްމަދު، މާބުޅާގެ، ޏ.ފުވައްމުލައް އެވެ.