ޚަބަރު

މަޝްހޫރު އެކްޓަރު ކާދަރު ޚާން ނިޔާވެއްޖެ


ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ކާދަރު ޚާން ނިޔާވެއްޖެއެވެ.

މީޑިއާގެ ރިޕޯޓުތައް ބުނާގޮތުގައި ކާދަރު ޚާން ނިޔާވެފައިވަނީ، ކެނެޑާގެ ޓޮރޮންޓޯގެ ހޮސްޕިޓަލެއްގައި އެނދުމަތިކޮށް ފަރުވާދެމުން ދަނިކޮށެވެ. ބަލިހާލަތު ބޮޑުވެ، ނޭވާލުމަށް އުދަގޫވުމުގެ ސަބަބުން ކާދަރު ޚާން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ މިދިޔަ ހުކުރުދުވަހުއެވެ.

އުމުރުން 81 އަހަރުގެ ކާދަރު ޚާން ނިޔާވެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. ކާދަރު ޚާން ނިޔާވިކަން ކެނެޑާގައި ދިރިއުޅެމުން އަންނަ އޭނާގެ ދަރިފުޅު ޝަފްރާޒް ޚާނު ވަނީ މީޑިއާއަށް ޔަގީންކޮށްދީފައެވެ. ކާދަރު ޚާން ވަޅުލުމަށް ހަމަޖެހިފައިވަނީ ކެނެޑާގެ ޓޮރޮންޓޯގެ ގަބުރުސްތާނުގައެވެ.

އަފްޢާނިސްތާނަށް އުފަން އަދި ފަހުން ކެނެޑާގެ ރައްޔިތުކަން ހޯދި ކާދަރު ޚާން ފިލްމީ ދާއިރާއަށް ތައާރަފްވެފައިވަނީ، 1973 ވަނަ އަހަރު ފިލްމް "ދާގް" އިންނެވެ. 1971 ވަނަ އަހަރު ބޮލީވޫޑަށް ތައާރަފްވި ކާދަރު ޚާނަކީ ކުޅަދާނަ އެކްޓަރެއްގެ އިތުރުން މޮޅު ސްކްރީން ރައިޓަރެކެވެ. ކާދަރު ޚާނުގެ 46 އަހަރުވީ ކެރިއަރުގައި އޭނާ ވަނީ 300 އަށްވުރެ ގިނަ ފިލްމް ކުޅެ، 250 އަށްވުރެ ގިނަ ފިލްމަށް ޑައިލޮގް ލިޔެދީފައެވެ.

ކާދަރު ޚާން ނިޔާވުމާއި ގުޅިގެން ބޮލީވޫޑްގެ ފަންނާނުންނާއި ސިޔާސީދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ދަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

ކޮމެޑީ ރޯލްތައް ކުޅުމުގައި އެފަދަ ދެވަނައެއް ނެތް ކާދަރު ޚާނަކީ، ދިވެހިންގެ ތެރޭގައިވެސް ވަރަށްބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ އެކްޓަރެކެވެ. އަދި ކާދަރު ޚާނަކީ އިންޑިއާގެ މުސްލިމް ކޮމިޔުނިޓީއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރަމުން ގެންދިޔަ އެކްޓަރެކެވެ. ކާދަރު ޚާން ވަނީ 2015 ވަނަ އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ.