ޚަބަރު

ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައިވާ ގޮތް ބެލުމަށް ކޮމިޓީއެއް އުފައްދަވައިފި


ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައިވާ ގޮތް ދިރާސާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިޙް ކޮމިޓީއެއް އެކުލަވައިލައްވައިފިއެވެ.

މި ކޮމިޓީއަކީ ކުރީ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައްކަމަށްވާ، "ހިޔާ" މަޝްރޫޢާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި ދެފުށް ފެންނަގޮތަކަށް، ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް، ފްލެޓް ލިބޭނޭގޮތް ހެދުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޓީއެކެވެ.

5 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީގައި ހިމެވިވަޑައިގަންނަވަނީ، މ. ގުލްފާމްގެ މުޙައްމަދު މުޢިއްޒު އަދުނާނާއި، އައްޑޫ ސިޓީ މީދޫ، ގްރީންވިލާ ފާޠިމަތު ސާއިރާއާއި، ގ.ދާސްތާން ނުޒުހާ ޢަލީމާއި، މއ.އަންޑާޕޫލްއާގެ އަޙްމަދު ޠަލާލާއި، އެޓަރނީ ޖެނެރަލް އޮފީހުގެ ވަކީލެއްގެ ހައިސިއްޔަތުން މ.ފެންގަސް އަލްއުސްތާޛު ޢަލީ ޝުހައިލް މުޙައްމަދެވެ.

މި ކޮމިޓީގެ ސެކްރެޓޭރިއަޓް ބަލަހައްޓާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުގެ ރެޕިޑް އެކްޝަން ޔުނިޓުންކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ. ރައީސުލްޖުމްހޫރިއްޔާ އަލަށް މި އެކުލަވައިލެއްވި ކޮމިޓީއަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކުރެއްވުމަށް ނިންމަވާފައިވާ ގެދޮރުވެރިކަމާ ގުޅޭ ވަޢުދުފުޅުތަކާ ގުޅިގެން އުފައްދަވާފައިވާ ކޮމިޓީއެކެވެ.

މި ކޮމިޓީއާ ހަވާލުކުރައްވާފައިވާ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި، "ހިޔާ"، "ގެދޮރުވެރިކުރުން"، އަދި "ގުޅިފަޅު" މަޝްރޫޢާ ގުޅޭ މައްސަލަތައް ބަލައި އެކަންކަން ޙައްލުކުރަން އުސޫލުތައް ކަނޑައެޅުމާއި، "ހިޔާ" އާއި "ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ޝަރުތު ފުރިހަމަވޭތޯއާއި ހުށަހަޅާފައިވާ މަޢޫލޫމާތުގެ ޞައްޙަކަން ކަށަވަރުކޮށް ޝަރުތުފުރިހަމަނުވާ ފަރާތްތައް ސަބަބާއެކު ކަނޑައެޅުމާއި، "ހިޔާ" އާއި "ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުން ހިމެނެއެވެ.

އަދި، "ހިޔާ" އާއި "ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނުކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ނުޙައްޤުން ފްލެޓްލިބިފައިވާ ފަރާތްތަކާމެދު އަމަލުކުރާނެގޮތެއް ނިންމުމާ ބެހޭގޮތުންނާއި، "ހިޔާ" އާއި "ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ފްލެޓްދޫކުރުމުގެ މަސައްކަތްކުރުމުގައި ބޭއިންސާފުން ކޮރަޕްޝަން ހިމެނޭގޮތަށް މަސައްކަތްކޮށްފައިވާ ފަރާތްތައް ބަލައި އެފަރާތްތަކާމެދު ޢަމަލުކުރާނެގޮތެއް ނިންމުންވެސް ކޮމިޓީގެ މަސްޢޫލިއްޔަތުގެ ތެރޭގައި ވަނީ ހިމަނުއްވާފައެވެ.

މީގެ އިތުރުން "ގުޅިފަޅު ހައުސިންގ ޕްރޮޖެކްޓް"ގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ރިވިއުކޮށް، ފްލެޓަށް ފައިސާ ދައްކާފައިވީނަމަވެސް ފްލެޓް ޙަވާލުނުކޮށްހުރި ފަރާތްތައް ބަލައި އެފަރާތްތަކަށް ޙައްޤު ބަދަލުދެވޭނެ ގޮތްތައް ދެނެގަނެ، މިކަމާމެދު ޢަމަލުކުރާނެގޮތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަކީވެސް މި ކޮމިޓީގެ މަސްއޫލިއަޔަތު ތަކުގެ ތެރޭގައި ހިމެނޭ ކަންކަމެއްކަމަށް ރައީސް އޮފީހުން ބުނެއެވެ.