ޚަބަރު

ސުޢޫދު ފާހަގަކުރެއްވި ކަންކަމުގެ ހަޤީގަތް ހޯދައި ފިޔަވަޅުއަޅާނަން - ސުޕްރީމް ކޯޓް


މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ ރައީސް ޙުސްނުއްސުޢޫދު ޝަރުޢީ ދާއިރާއާބެހޭގޮތުން ހާމަކުރެއްވި ކަންކަމުގެ ޙަޤީޤަތްހޯދައި، ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ޤާނޫނީ އިމުގެތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ ރައީސް ހުސްނުއްސުޢޫދުވަނީ ޝަރުޢީ ދާއިރާއާއި އަދި ޚާއްޞަކޮށް ކްރިމިނަލް ކޯޓާ ގުޅޭގޮތުން ކަންބޮޑުވާ މަޢުލޫމާތުދަކެއް ހާމަކުރައްވާފައެވެ. އެވާހަކަތަކާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޝަރުޢީ ދާއިރާއާ ގުޅޭގޮތުން، ޚާއްޞަކޮށް ކްރިމިނަލް ކޯޓާ ގުޅޭގޮތުން ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކަތަކަކީ، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތުގެ ޙައިޘިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ.

އެހެންކަމުން، ޝަރުޢީ ދާއިރާއާއި ޚާއްޞަކޮށް ކްރިމިނަލް ކޯޓާ ގުޅޭގޮތުން ޙުސްނުއްސުއޫދު ފާހަގަކުރެއްވި ކަންތައްތަކުގެ ޙަޤީޤަތް ހޯދައި، ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ޤާނޫނީ އިމުގެތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމައްޓަކައި އެކަންކަމުގެ މަޢުލޫމާތާއި އެކަމާގުޅުންހުރި ހެކިތަކުގެ މަޢުލޫމާތު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާ ޙިއްޞާކޮށްދެއްވުމަށް އެދި، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީގުކުރާ ކޮމިޝަނުގައި އެދިފައިވާކަމަށްވެސް ސުޕްރީމް ކޯޓުގެ ނޫސް ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ ރައީސް ޙުސްނުއްސުޢޫދު ވިދާޅުވީ ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނާއެކު އިންޞާފު ލިބޭނެކަމަށް ޤަބޫލު ނުކުރައްވާކަމަށާ، ކޯޓުތަކަށް ބައެއް ވިޔަފާރިވެރިންނާއި ގޭންގްތަކުގެ ނުފޫޒު ފޯރާފައިވާކަމަށެވެ.

އަދި ފަނޑިޔާރުންގެ ސެކިއުރިޓީ ފޯރުކޮށްދިނުމުގައި ބައެއްކަންކަމުގައި ގޭންގްތައް ޙަރަކާތްތެރިވާކަން ހާމަވެފައިވާކަމަށްވެސް ޙުސްނުއްސުޢުދު ވިދާޅުވެފައިވެއެވެ. މީގެއިތުރުން މަރުގެ ބައެއް މައްސަލަތަކުގައި ފަނޑިޔާރުންނާއި ގޭންގްތައް ގުޅިގެން މީހުން ކުށުން ބަރީއަކޮށްފައިވާކަމާއި، ގޭންގްތަކާ ގުޅުންހުރި މައްސަލަތައް ކުރިއަށްދާއިރު ބައެއް ސިއްރު ހެކިތައްދޭ ފަރާތްތަކުގެ މަޢުލޫމާތު ގޭންގްތަކަށް ދިނުމަކީވެސް ކޯޓުތަކުގެ ތެރެއިން ކޮށްފައިވާ ކަންތައްތައް ކަމަށް ޙުސްނުއްސުޢޫދު ވިދާޅުވިއެވެ. މީގެއިތުރުން ނުފޫޒުގައި ޖެހި ހެކި ގެއްލުވާލައި ޢަދުލު އިންޞާފަށް ހުރަސްއެޅުމުގެ ގިނަ ކަންތައްތަކެއް ހިނގަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.