ދުނިޔެ

ބޮޑު ތަފާތަކުން ޝޭހް ޙަސީނާ އިންތިޚާބު ކާމިޔާބު ކުރައްވައިފި


ބަންގްލަދޭޝްގައި އޮތް ޢާއްމު އިންތިޚާބު އެ ޤައުމުގެ ވެރިކަން ކުރާ އަވާމީ ލީގުން ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ.

މިއާއެކު އެގައުމުގެ ބޮޑުވަޒީރު ޝޭޙް ހަސީނާ ވަނީ ބޮޑުވަޒީރުކަމުގެ ތިން ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފައެވެ. ބަންގްލަދޭޝްގެ އިންތިޚާބާ ބެހޭ އިދާރާއިން ބުނެފައިވަނީ އިންތިޚާބުގައި ވެރިކަން ކުރާ އަވާމީ ލީގުން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ ތިން ސަތޭކަ ގޮނޑީގެ ތެރެއިން ދުވިސައްތަ ގޮނޑި ކާމިޔާބުކޮށްފައި ކަމަށެވެ.

ބަންގްލަދޭޝްގެ އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އިންތިޚާބުގެ ނަތީޖާ ޤަބޫލު ނުކުރާނެ ކަމަށެވެ. އެގޮތުން އިދިކޮޅު ލީޑަރު ކަމަލް ހުސައިން ވިދާޅުވީ މި އިންތިޚާބުގެ ނަތީޖާ މިހާރުން މިހާރަށް ބާޠިލު ކުރުމަށް ބަންގްލަދޭޝްގެ އިންތިޚާބާ ބެހޭ އިދާރާއަށް ގޮވާލައްވާ ކަމަށެވެ.

އިންތިޚާބުގައި ބައެއް ފަރާތްތަކުން މަކަރު ހަދާފައިވާ ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށް އިންތިޚާބާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ. އަދި މި ތުހުމަތުތައް ތަހްޤީޤުކުރާނެ ކަމަށް ވެސް އެއިދާރާއިން ވަނީ ބުނެފައެވެ.