ވިޔަފާރި

ތައިލެންޑު ބާޒާރުގައި ކަޅުބިލަމަހުގެ އަގު ދަށަށް ހިނގައްޖެ


ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ކަޅުބިލަ މަސް އެކްސްޕޯޓްކުރާ ތައިލެންޑުގެ ބާޒާރުގައި ކަޅުބިލަމަހުގެ އަގު ދަށަށް ހިނގައްޖެއެވެ.

ތައިލެންޑު ބާޒާރުގައި މިދިޔަމަހު ކަޅުބިލަމަސް ކިލޯއެއް 22 ރުފިޔާ 35 ލާރީގައި އުޅުނުއިރު، މިމަހު ކަޅުބިލަ މަސް ކިލޯއެއް އުޅެނީ 20 ރުފިޔާގައެވެ. މިއީ ކިލޯއަކުން 2.31 ރުފިޔާގެ ދަށްވުމެކެވެ.

ތައިލެންޑުގައި ކަޅުބިލަމަސް ކިލޯއެއް 20 ރުފިޔާއަށް އުޅޭއިރު، މިއީ ރާއްޖޭގެ ކުންފުނިތަކުން އެވްރެޖްކޮށް މަސް ގަންނަ އަގެވެ. މިގޮތުން މަސް ގަންނަ ކުންފުނިތަކަށް ފިނިކުރި ކަޅުބިލަމަހުގެ ކިލޯއެއް 20 ރުފިޔާއަށް ލިބޭއިރު، ފިނި ނުކުރާ ކަޅުބިލަމަހުގެ ކިލޯއެއް ލިބެނީ 18 ރުފިޔާއަށެވެ.

ރާއްޖެއިން މަސް އެކްސްޕޯޓްކުރާ އެހެން ޤައުމުތަކަށް ބަލާލާއިރު، ޖަޕާނުގައި ލޯބޮޑު ކަންނެލީގެ އަގު ވަނީ މައްޗަށް ގޮސްފައެވެ. މިގޮތުން ޖަޕާނުގެ ޓޯކިޔޯގައި މިދިޔަ ހަފްތާގައި 350.14 ރުފިޔާއަށް ލޯބޮޑު ކަންނެލި ކިލޯއެއްގެ އަގު އުޅުނުއިރު، މިހަފްތާގައި ލޯބޮޑު ކަންނެލި ކިލޯއެއް އުޅެނީ 558.71 ރުފިޔާގައެވެ. މިއީ ކިލޯއަކުން 208 ރުފިޔާގެ އިތުރުވުމެކެވެ.

ސްޕެއިންގައި ވިއްކާ ރީނދޫ އުރަހަ ކަންނެލީގެ އަގު އުޅެނީ އެއް ވަރެއްގައެވެ. މިދިޔަ ހަފްތާގައި ސްޕެއިންގައި ރީނދޫ އުރަހަ ކަންނެލި ކިލޯއެއްގެ އަގު 150 ރުފިޔާ 23 ލާރީގައި އުޅުނުއިރު، މިހަފްތާގައި ރީނދޫ އުރަހަ ކަންނެލި ކިލޯއެއް އުޅެނީ 150 ރުފިޔާ 40 ލާރީގައެވެ.

ސްޕެއިންގައި ރީނދޫ އުރަހަ ކަންނެލި ކިލޯއެއް 150 ރުފިޔާއަށް އުޅޭއިރު، ރާއްޖޭގައި ރީނދޫ އުރަހަ ކަންނެލި ކިލޯއެއް މިހަފްތާގައި އުޅެނީ 68 ރުފިޔާ 67 ލާރީގައެވެ. މިއީ މިދިޔަ ހަފްތާގައި ކިލޯއެއް ގަންނަން ލިބުނު 75 ރުފިޔާއާ އަޅާބަލާއިރު 6 ރުފިޔާ 33 ލާރި މަދު އަދަދެކެވެ.