"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުފައްދަވާފައިވާ ކޮމިޝަނުން 25 މައްސަލައެއް ބަލަން މިހާތަނަށް ނިންމަވާފައިވާކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.
ކޮމިޝަނުގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް ޙުސްނުއްސުއޫދު ވިދާޅުވީ، ކޮމިޝަނުން ބެލުމަށް މިވަގުތައް ކަނޑައަޅާފައިވަނީ :
- ރ. އުނގޫފާރު ގުލްފާމުގޭ ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލަ
- މ. ޝައިނިން ސްޓާ، އަހްމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލަ
- ސ. ފޭދޫ ޗަނބޭލީގޭ ޔާމީން ރަޝީދު މަރާލި މައްސަލަ
- ރައުދާ އާތިފްގެ މަރުގެ މައްސަލަ
- އެމްއެމްއޭ ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ އިބްރާހިމް އާގިލް މަރާލި މައްސަލަ
- ލ. ކަލައިދޫގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި އުމުރުން 14 އަހަރުގެ އަހްމަދު ވިޝާލް މަރުވި މައްސަލަ
- ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލަ
- ހ. ދޫހިމެރިގޭ ނަދާލް ރަޝީދުގެ މަރުގެ މައްސަލަ
- ހ. ފިލިކުރިގޭ މޫސާ ނައީމް ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ވަނިކޮށް ކުއްލި ގޮތަކަށް މަރުވި މައްސަލަ
- ގ. ފެހިމާގޭ އަލީ އަބްދުﷲ ޖަލުގައި ހުކުމް ތަންފީޒުކުރަނިކޮށް މަރުވި މައްސަލަ
- ދ. ކުޑަހުވަދޫ އަބްދުﷲ މާހިލް ގެއްލިފައިވާ މައްސަލަ
- ޖަލުގައި ހުކުމް ތަންފީޒުކުރަނިކޮށް ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު މަރުވި މައްސަލަ
- ޏ. ފުވައްމުލަކު އޮޅުތެރޭގެ މުހައްމަދު ޝަފީއު އިބްރާހިމް ގެއްލިފައިވާ މައްސަލަ
- ހއ. ތަކަންދޫ ޖަނަވަރީގޭ އަބްދުއްޝަކޫރު އަބްދުﷲ މަރުވި މައްސަލަ
- ހ. އޮގަސްޓާ އަހްމަދު ނަޒީފް ޝައުކަތު، އަޑު ޕާކުތެރޭ މަރުވެފައި އޮއްވައި ފެނުނު މައްސަލަ
- މ. މާކަރީ މުހައްމަދު ޝަހުދުގެ މަރުގެ މައްސަލަ
- މާލެ، ހާބަރު ޅިޔަނު ކެފޭ ތެރޭ ބަންގްލަދޭޝް މީހެއް ކަމަށްވާ ޝާހީން މިއާ މަރާލި މައްސަލަ
- ލ. މުންޑޫ ނޫވިލު، އަލީ ޒިޔަދަމް އަށް ހަމަލާދީ މަރާލި މައްސަލަ
- ހ. ހަންޑްރެޑް ފްލާވާ އަހްމަދު ޖައިލަމް ޝާކިރު މަރާލި މައްސަލަ
- ފުވައްމުލަކު ދޫޑިގަމު ނާޝިދު މޫސާގެ މަރުގެ މައްސަލަ
- ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދަމުން ދިޔަ އަހްމަދު މިޝްފާގު ގެއްލިފައިވާ މައްސަލަ
- 2016 ވަނަ އަހަރުގެ ކުޑަކުދިންގެ ހިޔާގައި ފަސް މަހުގެ ކުއްޖަކު މަރުވި މައްސަލަ
- 2014 ވަނަ އަހަރު ހިނގާފައިވާ މަރުގެ މައްސަލައެއްގެ އިތުރުން
- 2016 ވަނަ އަހަރު މާލޭގައި ހިނގާފައިވާ މަރުގެ 2 މައްސަލަ
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީގުކުރާ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޙުސްނުއްސުޢޫދު ވިދާޅުވީ، މިމައްސަލަތަކާއި ގުޅޭ އިތުރު މައްސަލަތަކެއްވެސް އަދި ބަލަން ޖެހިދާނެކަމަށް ކޮމިޝަނަށް ޤަބޫލުކުރެވޭކަމަށެވެ. އެފަދަ މައްސަލަތައް ބަލާނީ ފުރަތަމަ ބަލާ މައްސަލަތަކުގެ ތަޙްޤީގުން ހާމަވާކަންކަމުގެ އަލީގައިކަމަށް ޙުސްނުއްސުޢޫދު ވިދާޅުވިއެވެ.
ޙުސްނުއްސުޢޫދު ވިދާޅުވީ، ކޮމިޝަނުން ބަލާ ކޮންމެ މައްސަލައެއްގެ ޖިނާޢީ ތަޙްޤީގެއް ހިންގުމަށް ގަސްދުކޮށްފައި ނުވާކަމަށެވެ.
"ބައެއް މައްސަލަތަކަކީ އޭގެ ޒާތުގައި ނިޒާމުގައިހުރި ނުވަތަ އިޖްރާޢީ ގޮތުން މައްސަލަ ބެލުމުގައި އުނިކަންތައްތަކެއް ހުރެގެން ހުށަހަޅާފައި ހުރި މައްސަލަތަކެއް. އެންވީމަ އެމައްސަލަތައް އަޅުގަނޑުމެން ބަލާނީ ކޮންމެހެން ޖިނާޢީ ތަޙްޤީގަކަށް ވާސިލުވުމަކަށް ނުވަތަ، ޖިނާޢީ ދައުވާކުރުމަށް އަމާޒުކުރެވިގެން ނޫންޙުސްނުއްސުޢޫދު
ޙުސްނުއްސުޢޫދު ވިދާޅުވީ މި 25 މައްސަލައިގެ ތެރެއިން 2 މައްސަލައެއް ތަޙްޤީގުކުރާނީ އާއްމުކޮށް ހުޅުވާލާއިގެން ލައިވް ޓެލެކާސްޓް ކޮށްގެންކަމަށާއި، އެގޮތަށް ނިންމީ މިފަދަ މައްސަލަތައް ބަލާ މުއައްސަސާތަކުގައި ހުރި މައްސަލަތައް ދެނެގަނެ އެފަދަ ކަންކަން ކުރިއަށް އޮތްތަނުގައި އިސްލާހުކުރުމަށް ބާރުއެޅުމުގެ ގޮތުންކަމަށެވެ.
ޙުސްނުއްސުޢޫދު ވިދާޅުވީ އެކޮމިޝަނުގެ މަސައްކަތްތައް ހީކުރިވަރަށްވުރެ ހަލުވި މިނުގައި ކުރިއަށްދާކަމަށާއި ފަސް މައްސަލައެއްގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށާއި، ކުރިން އަންދާޒާކުރި މުއްދަތައްވުރެ އަވަހަށް ކޮމިޝަނުގެ މަސައްކަތްތައް ނިންމާލެވޭނެކަމަށްވެ.
މައްސަލަތަކުގެ ތަޙުގީގުތަކަށް އެހީތެރިވެދިނުމަށް ބޭރުގެ ފަންނީ ތަޖުރިބާކާރުންގެ އެހީއަށް އެދިފައިވާކަމަށާއި، ވަރަށް އަވަހަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ ކްރައިމް ސީން އިންވެސްޓިގޭޝަންގެ ތަޖުރިބާކާރުންނާއި، ޑޭޓާއާއި އޯޑިއޯ ވިޜުއަލްއާ ފޮރިންސިކްގެ ތަޖްރިބާކާރުން ކުރިއަށް އޮތް ދެތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ އަންނާނެކަމަށް ޙުސްނުއްސުޢޫދު ވިދާޅުވިއެވެ.