ޚަބަރު

ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް، ފެބްރުއަރީ މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ލިބޭނެ- ރައީސް


ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ނުލިބޭ މައްސަލަ ހައްލުކޮށް އަންނަ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބަކަށް އަޑުގެ ޚިދުމަތް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ 56ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ރޭޑިއޯ އިންޓަރވިއުއެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މި ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް އަންނަ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ދިވެހި ރާއްޖޭގެ އަޑުގެ ޚިދުމަތް ދިނުމަށްކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން، އަޑުގެ ޚިދުމަތް ޒަމާނީ ފެންވަރަށް ބަދަލުކުރައްވުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި މި ބަދަލާއެކު ފަސޭހަކަމާއެކު ރައްޔިތުންނަށް ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ޑިޖިޓަލްކޮށް ސްމާޓް ފޯނުތަކަށް ލިބިގެންދާނެ އިންތިޒާމުވެސް ހަމަޖައްސަވާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ އަޑަކީ ދިވެހި ރައްޔިތުންގެ އަޑު. އެއީ އަޅުގަނޑު ޤަބޫލުކުރާ ގޮތަކީ. އެހެންވީމަ އެ އަޑު ރާއްޖޭގެ ކަންކޮޅުތަކުގައި ތިބި ކޮންމެ ރައްޔިތަކަށް އަޑު ލިބެންޖެހޭނެ. މިހާރު ޜާއްޖޭގެ ކަންކޮޅުތަކުގައި ބައެއް ހިސާބުތަކަށް އެ ނުލިބޭކަމީ ހިތާމަކުރާކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތް އަމާޒުހިފާފައި މިހުރީ ވަރަށް އަވަހަށް ކުރިއަށް އޮތް ފެބުރުއަރީ މަސް ނިމޭހާތަނުގައި އެންމެ ލަސސްވެގެން ދިވެހިރާއްޖޭގެ އަޑުގެ، އަޑު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ލިބިގެންދާނެ" ރައީސް ވިދާޅުވިއެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދު ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް މުޅި ރާއްޖެއަށް ދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާ، ވީހާވެސް އަވަހަށް އެ މަޝްރޫޢު ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް. ރައީސް ވިދާޅުވެފައިވާގޮތަށް ފެބުރުއަރީ މަހުގެ ނިޔަލަށް ޚިދުމަތް ފެށޭނެކަމަށް ޔަޤީންކުރައްވާކަމަށްވެސް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވި.

"އަޅުގަނޑުވެސް ހަމަ ވަރަށް މޯޅިވާކަމެއް އެއީ ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތުން ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން މަހްރޫމްވެގެން ދިއުމަކީ. އަޅުގަނޑު މިތަނާ ހަވާލުވީފަހުން މި ޕްރޮޖެކްޓް މި ގެންދަނީ ވަރަށް ކައިރިން ބަލަމުން. ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތްކުރަމުން. ރައީސް އެ ވިދާޅުވިހެން ފެބުރުއަރީގެ ނިޔަލަށް އަޅުގަނޑުމެން މި ޚިދުމަތް ފެށްޓޭތޯ ބަލަނީ" ޢަލީ ޚާލިދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ މީޑިއަމް ވޭވް ރާއްޖޭގެ ބައެއް ސަރަހަދުތަކަށް ނުލިބި ޚިދުމަތް މެދުކެނޑިފައިވަނީ ސިނަމާލެ ބްރިޖް އެޅުމަށް ހެންވޭރު އަޑިޕާކް ސަރަހައްދުގައި ހުރި އެންޓަނާތައް ނެގުމުންނެވެ. އެތަނުން އެންޓަނާތައް ނެގުމަށްފަހު ތިލަފުއްޓަށް ބަދަލުކުރުމަށް ކުރީގެ ސަރުކާރުން ނިންމެވި ނަމަވެސް މިހާތަނަށް އައިއިރުވެސް އެ މަސައްކަތް ނިމިފައެއް ނުވެއެވެ. އެހެންނަމަވެސް އެ މަސައްކަތް ފަށާ އެންޓަނާ ބެހެއްޓުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަޑުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ލިބެމުންނުދާތީ ބައެއް ފަރާތަކުން އަންނަނީ އެކަމުގެ ކަނބޮޑުވުން ފާޅުކުރަމުންނެވެ.