ޚަބަރު

ޕީއެސްއެމްއަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނަން، ރައްޔިތުންގެ މީޑިއާއަކަށް ހަދާނަން - ރައީސް


ޕަބްލިކް ސަރވިސް މީޑިޢާ (ޕީއެސްއެމް) އަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމަށާއި ޕީއެސްއެމްއަކީ ރައްޔިތުންގެ މީޑިއާކަށް ހަދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުގެ 56ވަނަ އަހަރީ ދުވަހުގެ މުނާބަތުގައި ރޭޑިއޯއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ރައީސް ޞާލިޙް ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ޕީއެސްއެންގެ ޗެނަލްތައް ހިންގާވައިވާގޮތުން އެތައް ބައެއްގެ ކަންބޮޑުވުންތައް އެބަހުރިކަމަށެވެ. އެހެންމަމަވެސް މި ސަރުކާރުގެ އަމާޒަކީ ޕީއެސްއެމްއަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ދައުލަތުގެ މީޑއާގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ދިނުންކަމަށް ރައީސް ވިދާޅުވިއެވެ. އަދ ރައްޔިތުން ޤަބޫލުކުރާ، ރައްޔިތުންގެ މީޑިއާއަކަށް ހެއްދެވުމުގެ މަސައްކަތް ކުރައްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ ވެރިކަމުގައި ތިބޭ ބަޔަކު މީޑިއާދެކެ ބިރުގަންނަންޖެހޭ ސަބަބެއް އޮންނަންޖެހޭކަމަކަށް. ބިރުގަންނަ ކަމަށްވަންޔާ، ޖެހިލުންވާކަމަށްވަންޔާ އޭގެ ފަހަތުގައި ފޮރުވިފައިއޮތް ތިމާ ބިރުގަނަންޖެހޭ ހާމަކުރަން ބޭޏުންނުވާ ކަންތައްތަކެއް އެ ހުންނަނީ. އަޅުގަނޑުމެންގެ އިރާދަކުރެއްވިއްޔާ އެކަހަލަ ކަމެއް ނޯންނާނެ އިނގޭތޯ. ތިބޭފުޅުންގެ މަސައްކަތަކީ އަޅުގަނޑުމެންގެ ވެރިކަން ހިންގުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެ" ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ 56 ވަނަ އަހަރީދުވަހު ދެއްވި ޚާއްސަ އިންޓަރވިއުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ނޫސްވެރިން ހާމަކުރާ މަޢުލޫމާތަކުން ނުވަތަ ލިޔާ ލިޔުމަކަށް ބަލައި މި ސަރުކާރުން ނުހައްޤުން އެއްވެސް ނޫސްވެރިޔަކަށް އަދަބު ނުދެއްވާނެކަމަށެވެ.

"އަޑުގެ އަދި ޓީވީގެ މީޑިއާގެ ދައުރަކަށްވާންޖެހޭނީ އަޅުގަނޑު ޤަބޫލުކުރާގޮތުގައި ޓޫވޭ ޗެނަލެއްގެ ގޮތުގައި. އަޅުގަނޑުމެން ސަރުކާރުން ހިންގާ ކަންތައްތައް އަދި ރަނގަޅަސް ގޯހަސް އެކަންތައް ހާމަކުރުމާއެކީގައި ރައްޔިތުން އެދޭ ކަންކަންވެސް ހޟާކުރެވެންޖެހޭނެ. އިރާދަކުރެއްވިއްޔާ ސަރުކާރުގެ އެއްވެސް ނުފޫޒެއް ދައުލަތުގެ މީޑިއާއަށް އަޅުގަނޑުމެން ނުފޯރުވާނަން" ރައީސް ވިދާޅުވިއެވެ.

ނޫސްވެރިންނަކީ މިނިވަންކަމާއެކު މަސައްކަތްކުރާ ބަޔަކަށްވާއިރު ކޮންމެ މިނިވަންކަމަކާއެކު ޒިންމާތަކެއް އަންނާނެކަން ހަދާންކުރެއްވުމަށްވެސް ނޫސްވެރިންނަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ ވާހަކަތައް ގެނެސްދޭއިރު ހަޤީގަތާއި އެއްގޮތަށް ވާހަކަތައް ގެނެސްދެއްވުމަށް ވެސް ރައީސް ޞާލިޙް ވަނީ އިލްތިމްސާސްކުރައްވާފައެވެ.

"އެޔަކު އަޅުގަނޑުގެ ހަމަ އެއްވެސް މައްސަލައެއް ނެތް. ނަމަވެސް އަދި ތިބޭނެ ޢާންމު ރައްޔިތުންނާއި، ވިޔަފާރިވެރިން. އެކަހަލަ ރައްޔިތުންގެ ވާހަކަތައް ގެނެސްދޭއިރުގަ އެއަށް ސަމާލުކަން ދެއްވަންވާނެ. އަޅުގަނޑުމެންނަކީ ރައްޔިތުން އިންތިޚާބުކޮށްފައި ރައްޔިތުންގެ ޚާދިމުންކަމަށްވާތީ އަޅުގަނޑުމެންގެ ޕާރސަނަލް ލައިފް އަޅުގަނޑުމެންގެ ޒާތީ އެބައި ވަރަށް ކުޑަވާނެ އަޅުގަނޑު ޤަބޫލުކުރަން. އަޅުގަނޑާދޭތެރޭ އަޅުގަނޑުމެން ސިޔާސީ މީހުންނާ ދޭތެރޭ ގެނެސްދޭ މަޢޫލޫމާތަކީ އަޅުގަނޑުގެ އެއްވެސް ހިތްބުރަ ކަމެއް އޮތްކަމެއް ނޫން އެއީއެއް" ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އަޑަކީ ދިވެހި ރައްޔިތުންނަށް އަގުނުކުރެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ތަނެއްކަން ފާހަގަކުރައްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދިވެހި ރާއްޖޭގެ އަޑު ޒަމާނީ ފެންވަރަށް ގެނެސް އެ ޚިދުމަތް ދިވެހި ހުރިހާ ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ޚިދުމަތަކަށް ހެއްދެވުންކަމަށެވެ.