ޚަބަރު

އާސިފަށް އަލުން ކަރެކްޝަންސްގެ ވަޒީފާ ދޭން ހުކުމްކޮށްފި


މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ސުޕްރިޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުން ވަކިކޮށްފައިވާ މުޙައްމަދު އާސިފަށް އަލުން ވަޒީފާ ދިނުމަށާއި، އޭނާ ވަޒީފާއިން ވަކިކުރިފަހުން މިހާތަނަށް ހިނގި ދުވަސްތަކަށްވާ މުސާރަ ދިނުމަށް ސިވިލްކޯޓުން ޙުކުމްކޮށްފިއެވެ.

މިގޮތަށް އެކޯޓުން ޙުކުމްކޮށްފައިވަނީ މިދިޔަ މާޗް މަހުގެތެރޭގައި އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ އާސިފް ސިވިލްކޯޓަށް ހުށަހެޅުމުން އެމައްސަލަ ބެއްލެވުމަށްފަހުއެވެ. މިމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެކޯޓުގެ ޑިސްޕިއުޓް ރިިޒޮލިއުޝަން މަރުހަލާގައި ދައުލަތުންވަނީ އާސިފް ވަޒީފާއިން ވަކިކުރީ ކަނަޑައެޅިފައިވާ އިޖްރާޢަތްތަކާ ޚިލާފަށް ކަމަށް އެއްބަސްވެ އަލުން އޭނާއަށް ކުރީގެ ވަޒީފާ ދިނުމަށް އެއްބަސްވެފައެވެ. އަދި އާސިފް ވަޒީފާއިން ވަކިކޮށްފައިހުރި މުއްދަތުގައި ހިނގި ދުވަސްތަކށްވާ މުސާރައާއި ޢިނާޔަތްތައް އޭނާއަށްދޭން ދައުލަތުންވަނީ އެއްބަސްވެފައެވެ. އާސިފް ވަޒީފާއިން ވަކޮކޮށްފައިވަނީ ކޮންމައްސަލައެއްގައިކަމެއް ކަރެކްޝަނަލް ސާވިސްއިން ހާމަކޮށްފައެއް ނުވެއެވެ.

އާސިފަށް އަލުން ވަޒީފާ ދިނުމަށާއި، އޭނާ ވަޒީފާއިން ވަކިކުރިފަހުން މިހާތަނަށް ހިނގި ދުވަސްތަކަށްވާ މުސާރަ ދިނުމަށް ސިވިލްކޯޓުން ޙުކުމްކުރިއިރު، މިއަދާހަމައަށް މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި އޭނާއަށް 324000 ރުފިޔާ ދޭންޖެހެއެވެ.