ޚަބަރު

ބޮޑެތި ތުހުމަތުތަކަކާއެކު މުއާޒް ރައީސް ޔާމީނާ ދެކޮޅަށް


ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވާލި މައްސަލައިގެ ތުހުމަތުތައް ރައީސް ޔާމީނާއި ޕީޕީއެމްގެ އިސް ފަރާތްތަކަށް އެމަނިކުފާނުގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުޢާޒް ޢަލީ ކުރައްވައިފިއެވެ.

މޫކައި ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުޢާޒް ވިދާޅުވީ، ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލި ހާދިސާއަކީ ބިރުވެރި ހާދިސާއެއްކަމަށާއި، އެދުވަހު ލޯންޗުކޮޅުގައި ކަންހިނގައި ދިޔައީ އޭގެ ކުރިން އާންމު އުސޫލުން ކަންހިނގާ ގޮތަށް ނޫންކަމަށެވެ. މުޢާޒް ވިދާޅުވީ، ރާއްޖެއިން ބޭރުން ރައީސް ވަޑައިގަންވާއިރު ކުރިން ނޫސްވެރިންނާ ބައްދަލުކުރަނީ އެއަރޕޯޓް ވީވީއައިޕީ ލައުންޖުކައިކަމަށާއި، ނަމަވެސް އެދުވަހު އިއްޒުއްދީން ފާލަން ކައިރީގައި ޕްރެސް ދިނުމަށް އިންތިޒާމްކުރުމަށް އެދިވަޑައިގަތީ ރައީސް ޔާމީންކަމަށެވެ.

މުއާޒް ވިދާޅުވީ ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކަށްފަހު، ރާއްޖެ ވަޑައިގެން ރައީސް ޔާމީން ވީވީއައިޕީގައި މަޑުކުރައްވާކަމަށާއި، ނަމަވެސް އެދުވަހު ރައީސް ޔާމީން ސަޢޫދީއަރަބިއްޔާއިން ރާއްޖެ ވަޑައިގަތުމަށްފަހު ވީވީއައިޕީ ލައުންޖުގައި މަޑުނުކުރައްވާ ވަޑައިގަތީ ރިޔާސީ ލޯންޗުކޮޅަށްކަމަށެވެ. އަދި އެމަނިކުފާނު ކުރިން އިށީނދެވަޑައިގަންވާ ގޮނޑިކޮޅުގައި އެދުވަހު ބެއިންދެވީ އަނބިކަނބަލުން ފާތިމަތު އިބްރާހީމްކަމަށާއި، ރައީސް ޔާމީން އިންނެވީ އެހެން ގޮނޑިކޮޅެއްގައިކަމަށެވެ.

ލޯންޗުގައި ބޮމެއްގޮވާ ބޮޑެތި އަނިޔާތަކެއް ރައީސް ޔާމީންގެ އަނބިކަނބަލުންނަށް ލިބިވަޑައިގެންނެވިނަމަވެސް އެމަނިކުފާނުގެ މޫނުފުޅުން ނުތަނަވަސްކަމުގެ އެއްވެސް އަސަރެއް ފެންނަން ނެތްކަމަށްވެސް މުޢާޒް ތުހުމަތުކުރެއްވިއެވެ.

"އެ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ވަގުތު އަޅުގަނޑުގެ ފައިބުޑަށް ވިއްސައިގެން އެއިރުގެ ފަރސްޓްލޭޑީ ވެއްޓިވަޑައިގެންނެވީ. އަޅުގަނޑަށް އެތާ އެތެރެއިން އެއިރު އެއްވެސް މީހެއް ނުފެނޭ. ކުޑަ ތަންކޮޅެއް ފަހުން އަޅުގަނޑަށް ފެނުނު އެއިރުގެ ރައީސުލްޖުމްހޫރިއްޔާ. އެމަނިކުފާނުގެ ބޮލަށް އެ ގޮވި އެއްޗެއްގެ ސަބަބުން ނުވަތަ އެކަމަކުން ކުނޑީގެ އަސަރުކުރައްވާފައިހުރި. އެ ފިލުއްވާލައްވާ އަނބިކަނބަލުންގެ އަރިހަށް ވަޑައިގެންނެވި. އެއިރު އަހަރެމެން ތިބި ހާސްކަމުގައި ގޮވުނު މީހަކަށް ގޮވީ. ރައީސްވެސް މަސައްކަތްކުރެއްވި. މޫދަށް ފުއްމާލަންވެސް ބޮޑީގާޑުން އިރުޝަދުދެއްވި. ނަމަވެސް ރައީސް އަނބިކަނބަލުންގެ އަރިހުގައި ހުންނެވި ނަމަވެސް މޫނުފުޅުން ހަމަގައިމުވެސް އަޅުގަނޑު ހާސްވެފައިހުރި މިންވަރަށް އެ ހާސްކަމެއް ނުދެކެން." މުއާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހާދިސާއަށްފަހު ރައީސްގެ އަނބިކަނބަލުން ހޮސްޕިޓަލަށް ގެންދިއުމަށް ގިނަ ވަގުތުތަކެއް ނެގިކަމަށާ، ހާދިސާ ހިނގިވަގުތާ އެތައް އިރެއްފަހުން އެކަމަނާ ހޮސްޕިޓަލަށް ގެންދެވުނީ ރައީސް ޔާމީން ދެއްވި އިރުޝާދުގެ ސަބަބުންކަމަށެވެ.

"އެ މީހެއްގެ އަނބިމީހާ ލޯންޗުގެ ތައްޓުމަތީގައި ވެއްޓިފައި އޮތުމަކީ ވިސްނާ ފިކުރުކުރާއިރު އިމޯޝަނަލް ބިރުވެރި ވަގުތެއް. ޕޮލިސް ލޯންޗު ވާޓަރާ ކައިރިކުރުމުން ޕާޕާ ސަރ ފުރަތަމަ އެލޯންޗަށްއަރާވަޑައިގަތީ. ކުރީގެ ރައީސް ޔާމީން އެދިވަޑައިގަތީ ވެހިކަލެއް ގެނެސްދީ ހޮސްޕިޓަލަށް ގެންދިއުމަށް. ގާތްގަނޑަކަށް ބައި ގަޑައިރު ނެގި. ފުދޭވަރަކަށް ގިނަ އިރު ނެގި. ދެ ސީޓްގެ މެދުގައި މަގުގަ އެކަމަނާ ބާއްވާފައި އޮތްއިރު ފުދޭވަރަކަށް ގިނަ އިރު ނެގި." މުއާޒް ވިދާލުވިއެވެ.

މުޢާޒް ވިދާޅުވީ އެ ހާދިސާ ހިނގާދިޔައިރު އަލިފާނުގެ އެއްވެސް އަސަރެއް ފެންނަން ނެތްކަމަށާއި، ފުލުހުންނަށް ދިން ބަޔާނުގައިވެސް އެގޮތަށް ބަޔާންކޮށްފައިވާނެކަމަށެވެ. ނަމަވެސް އެ މައްސަލަ ބަލަން ރައީސް އުފެއްދެވި ކޮމިޝަންގައި އެންމެ އިސްކޮށް ހުންނެވި އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ދެއްވި ސީޑީގައި އެހާދިސާ ހިނގިވަގުތު އަލިފާން ފެންނަކަމަށާއި، އެއީ ކޮމްޕިއުޓަރ ގްރެފިކްސްކަމަށް މުޢާޒް ތުހުމަތުކުރެއްވިއެވެ.

މުޢާޒް ވިދާޅުވީ، ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއި ރައީސް ޔާމީންގެ ގުޅުން ހީނަރުކުރުމަށް ޕީޕީއެމްގެ އިސްސަފުގައި ތިއްބެވި ގިނަ ބަޔަކު މަސައްކަތްކުރެއްވިކަމަށެވެ. އަދި އެ ހާދިސާއަކީ އެކަމުގެ ބޭނުމުގައި ހިންގި އަމަލެއްގެ ގޮތުގައި މުއާޒް ވަނީ ތުހުމަތުކުރައްވާފައެވެ. މުޢާޒް ވަނީ މި ހާދިސާ ސަރުކާރާއި ފުލުހުން ތަޙުޤީޤްކުރުމަށް ގޮވާލައްވާފައެވެ.

މުޢާޒްގެ މި ތުހުމަތުތަކަށް ރައްދުދީ ޕީޕީއެމުން ވަނީ މިރޭ ބަޔާނެއްވެސް ނެރެފައެވެ. ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މުއާޒްގެއ އެ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

ރައީސް ޔާމީނާ ބެހޭގޮތުން މުއާޒް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައިވާއިރު، ރިޔާސީ އިންތިޚާބަށްފަހުވެސް ދާދި ފަހަކާ ޖެހެންދެން ޕީޕީއެމްއިން ބޭއްވި އެކި ރެލީތަކުގައި މުއާޒް ވަނީ ރައީސް ޔާމީންގެ ދިފާއުގައި ވާހަކަދައްކާ އަޑު އުފުލާފައެވެ.

ރިޔާސީ ލޯންޗުކޮޅުގެ ހާދިސާއާ ގުޅޭގޮތުން މުއާޒް ތުހުމަތުތަކެއް ކުރައްވާފައިވާއިރު، ރައީސްޔާމީންގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓަރ ކަން ކުރެއްވި ޑރ.މުޙައްމަދު ޝައިނީވެސް ވަނީ، އެ ހާދިސާއާ ބެހޭގޮތުން ސުވާލު އުފެދޭފަދަ މޭރުމަކުން ދާދިފަހުން ޓްވީޓެއްވެސް ކުރައްވާފައެވެ.