ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އަބްދުﷲ މުނާޒް ޢައްޔަންކުރައްވައިފިއެވެ.
އެމަޤާމަށް މުނާޒް ޢައްޔަންކުރައްވާފައިވަނީ މިނިސްޓަރުންގެ ނައިބު ފެންވަރުގައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ. މި މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ޢަބްދުﷲ މުނާޒު ހުންނެވީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުފައްދަވާފައިވާ ކޮމިޝަނުގެ މެންބަރެއްގެގޮތުގައެވެ. މުނާޒުވަނީ އިއްޔެ މި ކޮމިޝަނުން އިސްތިއުފާ ދެއްވާފައެވެ.
މުނާޒަކީ 2011 ވަނައަހަރު ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ 24 އަހަރު ސިފައިންގެ ދާއިރާގައި މަސައްކަތްކުރައްވާފައިވެއެވެ. އަދި 2011 ވަނަ އަހަރު ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސްގައި ޖަލުގެ އެންމެ އިސްވެރިޔާގެ މަޤާމު އޭނާ އަދާކުރައްވާފައިވެއެވެ.