ޚަބަރު

ވެއިޓް ލިސްޓް ކޮށްފައިތިބި މީހުންނަށް 3 ދުވަހުގެ ތެރޭ އަލުން ވެއިޓް ލިސްޓް ކުރަން އައިޖީއެމްއެޗުން އަންގައިފި


އައިޖީއެމް ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށް ނަންނޯޓުކޮށްފައިވާ މީހުންގެ ލިސްޓް މުރާޖާކުރުމުގެ މަސައްކަތް ކުރަމުންދާތީ، ކުރިން ނަން ނޯޓުކޮށްފައިވާ މީހުން ކުރިއަށް އޮތް 3 ދުވަހުގެ ތެރޭގައި އަލުން ވެއިޓް ލިސްޓްކުރުމަށް އައިޖީއެމްއެޗުން އެދިއްޖެއެވެ.

އައިޖީއެމްއެޗުން ބުނީ، އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިލިސްޓު އާކުރުމަށް ނިންމާފައިވާ ކަމަށާ، އެހެންކަމުން ކުރިއަށްއޮތް 3 ދުވަސް ތެރޭގައި އަލުން ވެއިޓް ލިސްޓް ނުކުރާ ފަރާތްތައް ލިސްޓުން އުނިކުރެވޭނެކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓުކޮށްފައިވާ މީހުންގެ ލިސްޓް އަލުން މުރާޖައާ ކުރުމުގެ މަސައްކަތް ފަށާފައި ވަނީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި، އެ ހޮސްޕިޓަލުން ޚިދުމަތް ހޯދުމަށް ކިއުގައި ޖެހޭ މީހުންނަށް ލުޔެއް ލިބޭނެ ގޮތް ހެދުމަށް ނިންމާފައިވާތީކަމަށެވެ. އޭނާ ވިދާޅުވީ، ޑޮކްޓަރަށް ދެއްކުމަށް ނަންނޯޓުކޮށްފައިވާ މީހުންގެ ތެރެއިން އެކި ސަބަބުތަކާހެދި އެޕޮއިންޓްމަންޓް ކެންސަލް ވެފައިވާ މީހުންވެސް މި ލިސްޓުގައި ހިމެނޭ ކަން ފާހަގަ ކުރެވިފައިވާ ކަމަށާ، އެހެންކަމުން މި ލިސްޓް މުރާޖާ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ކުރިން ނަންނޯޓުކޮށްފައިވާ މީހުންނަށް އެސްއެމްއެސް މެދުވެރިކޮށް އަލުން ވެއިޓް ލިސްޓް ކުރުމަށް އައިޖީއެމްއެޗުން އަންގަމުންދާނެ ކަމަށެވެ.

އައިޖީއެމްއެޗުން ޑޮކްޓަރުންނަށް ދެއްކުމަށް ގިނަ ޢަދަދެއްގެ މީހުން ވެއިޓް ލިސްޓްކޮށްފައިވާއިރު 2017 ވަނަ އަހަރު ވެއިޓް ލިސްޓްކުރިމީހުންގެ ނަންތައްވެސް މިލިސްޓުގައި އެބަހުރިކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި ބައެއް ޑޮކްޓަރުންނަށް ދެއްކުމަށްޓަކައި 2000ހަށްވުރެ ގިނަ މީހުން ނަންނޯޓުކޮށްފައިވާކަމަށްވެސް އެހޮސްޕިޓަލުން ބުނެއެވެ. އެގޮތުން އެންމެ ގިނަ މީހުން ނަންނޯޓުކޮށްފައިވާ ޑޮކްޓަރުންގެ ތެރޭގައި ކާޑިއޮލޮޖިސްޓުންނާއި، ނިއުރޮލޮޖީ ޑިޕާޓްމަންޓްގެ ޑޮކްޓަރުން ހިމެނޭކަމަށް އެހޮސްޕިޓަލުން ބުނެއެވެ.