ވިޔަފާރި

މަސްދޯނިފަހަރަށް "އިމޭޖް ސްޓައިބިލައިޒޭޝަން ދުރުމި" ދޫކުރަން ފަށައިފި


ފިޝަރީޒް މިނިސްޓްރީން މަސްދޯނިފަހަރަށް ދޫކުރުމަށް ނިންމާފައިވާ ދުރުމިތައް ދޫކުރަން ފަށައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އިމޭޖް ސްޓައިބިލައިޒޭޝަން ދުރުމިތައް ދޫކުރަނީ، އެމިނިސްޓްރީން އާންމުކޮށް އިއުލާންކޮށް މިކަމަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ދޯނިފަހަރަށް ކަމަށެވެ.

މިގޮތުން މިކަމަށް އެދި ހުށައެޅި ދޯނިފަހަރުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދޯނިފަހަރަށް ދުރުމި ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މި ޕްރޮގްރާމްގެ ދަށުން ދުރުމި ލިބޭ ދޯނިފަހަރުގެ ނަމާއި ރަޖިސްޓްރީ ނަމްބަރު ފިޝަރީޒް މިނިސްޓްރީގެ ނޯޓިސްބޯޑާއި ވެބްސައިޓުން ފެންނަން ހުންނާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އަދި ދުރުމި ލިބޭ ފަރާތްތަކަށް އެސްއެމްއެސް ކުރަމުން ގެންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމްގެ ދަށުން 144 ދުރުމި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގައި މަސްވެރިކަމާ ގުޅުންހުރި ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކުރުމަށް ބާރުއެޅުމާއި، ކަނޑުފަތިން ކުރާ މަސްވެރިކަމުގެ ބަދަލުގައި ކަނޑު އައިން ތަކުން މަސްވެރިކަން ކުރުމަށް މަގުފަހިކޮށްދިނުންކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

"އިމޭޖް ސްޓައިބިލައިޒޭޝަން ދުރުމި" އަކީ ކަނޑު ގަދަ ދުވަސް ދުވަހު މަސް އައިން ހޯދުމަށް ބޭނުންކުރާ ވަސީލަތެކެވެ.