ޚަބަރު

އައްޑޫގެ ހުރިހާ މަގު ބައްތިތައް ސޯލަރ ލައިޓަށް ބަދަލުކުރަނީ


އައްޑޫ ސިޓީ ކައުންސިލްގެ އަމާޒަކީ އައްޑޫގެ ހުރިހާ މަގު ބައްތިތަކަކީ އަވިން ހަކަތަ އުފައްދައިގެން ބޭނުންކުރެވޭ ލައިޓްތަކަކަށް ބަދަލުކުރުންކަމަށް އެ ކައުންސިލުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައްޑޫ ސިޓީގެ ރަށްތަކުގައި ޖަހާފައިވާ މަގު ބައްތިތައް، އަވިން ހަކަތަ އުފައްދައިގެން ބޭނުންކުރެވޭ ލައިޓް ތަކަކަށް ބަދަލުކުރުމުގެ ކުރިން އެކަން ޓެސްޓް ކުރުމަށްޓަކައި 2 ލައިޓް މިހާރު ހަރުކޮށްފައިވާކަމަށެވެ. އެގޮތުން އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީގެ އެއީތެރިކަމާއެކު ހިތަދޫ ހިއްކާފައިވާ ސަރަހައްދުގައި ސޯލާރ ސްރީޓް ލައިޓް ވަނީ ހަރުކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ ސިޓީގެ ހުރިހާ މަގުތަކެއްގައި ޖަހާފައިވާ ލައިޓްތައް ސޯލާރ ލައިޓަށް ބަދަލުކުރުމަކީ އަމާޒެއްކަމަށެވެ. ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތުމަށްފަހު އައްޑޫސިޓީގެ މަގުތަކުގެ ކަންކަން ބެލެހެއްޓުން ސިޓީ ކައުންސިލާ ހަވާލުކުރިއިރު މަގުތައް ވަރަށްބޮޑަށް ހަލާކުވެ، މަގުބައްތިތައް ހަލާކުވެފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އައްޑޫސިޓީގެ މޭޔަރ ވިދާޅުވީ މަގު ބައްތިތައް ހަލާކުވުމުގެ ސަބަބުން ރޭގަނޑު ހިނގާބިނގާވެ އުޅުވުމަށް ދަތިވާކަމުގެ ޝަކުވާ ކައުންސިލަށް ހުށަހެޅިފައިވާކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫ ސީޓީގެ މަގުތައް ލެވަލްކޮށް، މަގުތަކުގައި ދިމާވަމުންދާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ފަށާފައެވެ.