ޚަބަރު

އިސްރާއީލާ ދެކޮޅަށް މުޒާހަރާ ކުރި ފަލަސްޠީނުގެ ހަތަރު މީހަކު ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާއާއި އިސްރާއީލާއި ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި މުޒާހަރާ ކުރަމުން ދިޔަ ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ދިން ޙަމަލާތަކުގައި ފަލަސްޠީނުގެ 4 މީހަކު ޝަހީދުވެއްޖެއެވެ.

ޣައްޒާގެ ސިއްޙަތާ ބެހޭ ވުޒާރާއިން ބުނެފައިވަނީ ހުކުރު ދުވަހު އިސްރާއީލުގެ އަސްކަރީ ބާރުތަކުން ދިން ޙަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި 16 އަހަރުގެ ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ. އަދި މި ޙަމަލާތަކުގައި އިތުރު 25 މީހަކަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށް ވެސް ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. ހުކުރު ދުވަހުގެ މުޒާހަރާތަކުގައި ފަލަސްޠީނުގެ 8،000 މީހުން ބައިވެރިވެފައިވާ ކަމަށް ބައެއް ނޫސް އިދާރާތަކުން ބުނެއެވެ.

ފަލަސްޠީނުގެ ޣައްޒާގައި މިއަހަރުގެ މާރޗް މަހުން ފެށިގެން ސިލްސިލާ ގޮތެއްގައި ކޮންމެ ހުކުރު ދުވަހަކު މުޒާހަރާ ކުރަމުންދަނީ އިސްރާއީލުން ފަލަސްޠީނުގައި ކުރަމުންދާ އިސްތިޢުމާރީ ވެރިކަން ނިމުމަކަށް ގެނެސް ފަލަސްޠީނުގެ ބިންތަކުން ފައްސާލާފައިވާ ރައްޔިތުން އަނބުރާ ޤައުމަށް ގެނައުމުގެ ފުރުސަތު ދިނުމަށް ގޮވާލުމަށެވެ. މިމުޒާހަރާތަކަށް އަމާޒުކޮށް އިސްރާއީލުން ދީފައިވާ ޙަމަލާތަކުގައި ފަލަސްޠީނުގެ ދުއިސައްތަ ވިހި މީހުން ވަނީ ޝަހީދުވެފައެވެ.