ދުނިޔެ

ސޫރިޔާގައި ދެން އެންމެ އިސް ދައުރެއް އަދާކުރާނީ ތުރުކީވިލާތް: އުރުދުޣާން


ސޫރިޔާގައި އައިއެސް ހަނގުރާމަވެރިންނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ދެން އެންމެ އިސް ދައުރެއް އަދާކުރާނީ ތުރުކީވިލާތުން ކަމަށް އެޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ. އުރުދުޣާން މިހެން ވިދާޅުވެފައި މިވަނީ ސޫރިޔާގައި އައިއެސް ޖަމާޢަތާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ކާމިޔާބު ލިބިފައިވާ ކަމަށް ބުނެ އެމެރިކާގެ ސިފައިން ސޫރިޔާ ދޫކޮށް ދާނެކަން އިޢުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ މި ނިންމުމަށް މިހާތަނަށް ލިބިފައިވަނީ ފިނި މަރުޚަބާއެކެވެ. އެގޮތުން، ހުޅަނގުގައި އެމެރިކާއަށް ވާގިދޭ ޤައުމުތަކާއި ސޫރިޔާގައި އެމެރިކާގެ ސިފައިންނާއެކު ޙަރަކާތްތެރިވާ އެހެން ޤައުމުތަކުންނާއި ޖަމާޢަތްތަކުން ވަނީ މިކަމަށް ފާޑުކިއުން އަމާޒުކޮށްފައެވެ. ތުރުކީވިލާތުގެ އިސްތަންބުލްގައި ހުންނަވާ ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ސޫރިޔާގައި މިހާރު ތިބި އައިއެސް ޖަމާޢަތުގެ ހަނގުރާމަވެރިންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ތުރުކީވިލާތުގެ އަސްކަރިއްޔާއިން މަސައްކަތް ފަށާނެ ކަމަށެވެ.

މީގެ އިތުރުން، ސޫރިޔާގެ އިރު އުތުރުގައި ޙަރަކާތްތެރިވަމުންދާ ކުރުދީ ހަނގުރާމަވެރިންނާއި ދެކޮޅަށް ތުރުކީވިލާތުން ހިންގަން ރާވާފައިވާ އަސްކަރީ ޙަރަކާތްތައް ފަސް ކުރާނެ ކަމަށް ވެސް އުރުދުޣާން ވަނީ ވިދާޅުވެފައެވެ.