ޚަބަރު

ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ އިދާރާއިން ފަލަސްޠީނަށް ދޭ އެހީ މަދުކުރަނީ


ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ އިދާރާއިން ފަލަސްޠީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރީގައި އުޅެމުންދާ ގިނަ ޢަދަދެއްގެ މީހުންނަށް ދެމުންދާ އެހީތެރިކަން އަންނަ އަހަރު މަދުކުރާނެ ކަމަށް އެ ޖަމާޢަތުން ބުނެފިއެވެ.

ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ މައި އިދާރާ، ޑަބްލިއުއެފްޕީން ބުނެފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އުޅެމުންދާ 27،000 މީހުންނަށް ކާބޯތަކެތީގެ އެހީ ދިނުން އެޖަމާޢަތުން ހުއްޓާލާނެ ކަމަށެވެ. މީގެ އިތުރުން، ޣައްޒާގައި ދިރިއުޅޭ 165،000 މީހުންނަށްވެސް ކާބޯތަކެތީގެ އެހީ ދިނުން ހުއްޓާލާނެ ކަމަށް ވެސް އެ ޖަމާޢަތުން ވަނީ ބުނެފައެވެ.

ޑަބްލިއުއެފްޕީން ފަލަސްޠީނަށް ކަނޑައަޅާފައި ހުންނަވާ އިސްވެރިޔާ ސްޓީވަން ކާރނީ ވިދާޅުވީ ހުޅަނގު އައްސޭރިއާއި ޣައްޒާގައި އެޖަމާޢަތުން ދޭ އެހީތެރިކަން މަދުކުރަން މަޖްބޫރުވެފައިވާ ކަމަށެވެ. އަދި އެ ޖަމާޢަތަށް މިފަދަ ފިޔަވަޅުތަކެއް އަޅަން ޖެހިފަވަނީ އެ ޖަމާޢަތަށް ލިބެމުންދާ މާލީ އެހީތެރިކަން މަދުވުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ ހަމައެކަނި ޑަބްލިއުއެފްޕީއަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ގިނަ ޖަމާޢަތްތަކަށް ވަނީ މާލީ އެހީތެރިކަން ނުލިބުމުގެ ސަބަބުން މިފަދަ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ.

މި ހަފުތާގެ ހޯމަދުވަހު ފަލަސްޠީނުގެ ސަރުކާރާ އދން ބުނެފައިވަނީ އަންނަ އަހަރު ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ އެހީގެ ގޮތުގައި 350 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ބޭނުންވާނެ ކަމަށެވެ.