ޚަބަރު

ކޮމަންވެލްތާ އަލުން ގުޅޭތީ މަރުހަބާ - ސެކްރެޓަރީ ޖެނަރަލް


އަލުން ކޮމަންވެލްތުގެ މެމްބަރަކަށް ވުމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް ކޮމަންވެލްތު ސެކްރެޓަރީ ޖެނަރަލް މަރުހަބާ ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތްގެ ސެކެޓްރީ ޖެނެރަލް ޕެޓްރީސިއާ ސްކޮޓްލަންޑް ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އެޖަމާއަތުން ރާއްޖެ ވަކިވުމަށް 2016 ވަނަ އަހަރު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ނިންމެވި ނިންމެވުމަކީ ވަގުތީ ނިންމެވުމަކަށް ވާނެކަމަށް ކުރިންވެސް އުންމީދު ކުރެއްވިކަމަށެވެ.

ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ނިންމަވައި ރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުމަށް މަރުޙަބާ ވިދާޅުވާކަމަށާ، ދިވެހި ސަރުކާރާއި ދިވެހިރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމަށް ކޮމަންވެލްތުން އޮތީ ތައްޔާރަށްކަމަށް ސެކެޓްރީ ޖެނެރަލްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ކޮންމަންވެލްތަކީ ދުނިޔޭގެ 53 ޤައުމެއް ބައިވެރިވާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާއެކެވެ. ޖުމުލަ 34 ވަންދެން އެޖަމާޢަތުގެ މެމްބަރެއްގެގޮތުގައި ދިވެހިރާއްޖެ އޮތެވެ. އެހެންނަމަވެސް ރައީސް ޑރ.މުޙައްމަދު ވަޙީދުގެ ވެރިކަމުގެ ދުވަސްވަރު އެޖަމާޢަތާއި ރާއްޖޭގެ ގުޅުން ހީނަރުވާންފަށައި، އެޖަމާޢަތުން ރާއްޖެ ވަކިވުމުގެ ވިސްނުން ސަރުކާރުގެ ބައެއް ވެރިން ހާމަކުރައްވަން ފެއްޓެވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައިވެސް މިގުޅުން ރަނގަޅުވުމުގެ ބަދަލުގައި އިރުރަށް ގޯސްވެގެންދިޔައެވެ. ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެޖަމާޢަތުން ވަންނަކަމަށާއި، ރާއްޖެއާ މެދު ބޭއިންސާފުން ތަފާތުކުރުން ގެންގުޅޭކަމަށް ރައީސް ޔާމީންގެ ސަރުކާރުން ތުހުމަތުކުރިއެވެ. އޭރު ކޮމަންވެލްތުން ދިޔައީ ރައީސް ޔާމީންގެ ސަރުކާރުގެ ބައެއް ނިންމެވުންތަކާއި، ޝަރުޢީ ދައިރާގެ ތެރެއިން ހިނގައިދިޔަ ބައެއް ކަންކަމަށް ފާޑުކިޔައި އެކަންކަމާމެދު ނުރުހުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަން ހަނިކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން އެޅުއްވި ފިޔަވަޅުތަކާ މެދު ކޮމަންވެލްތުންވަނީ ވަރަށްބޮޑަށް ފާޑުކިޔާފައެވެ.

ކޮމަންވެލްތުގައި ރާއްޖެ އަލުން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައި ރައްޔިތުންގެ މަޖިލީހަށް އެމައްސަލަ ހުށަހެޅީ މިދިޔަ މަހުގެ 18 ވަނަދުވަހުއެވެ. އަދި މަޖިލީހުން ފާސްކުރެއްވުމަށްފަހު، މިމަހުގެ 7 ވަނަދުވަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ކޮމަންވެލްތުގައި ރާއްޖެ އަލުން ބައިވެރިވުމަށް އެދި ކޮމަންވެލްތްގެ ސެކެޓްރީ ޖެނެރަލް ޕެޓްރީސިއާ ސްކޮޓްލަންޑަށް ސިޓީފުޅެއް ފޮނުއްވާފައެވެ.