ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް ރައީސުލްޖުމްހޫރިއްޔާ އަލުން ކަނޑައަޅުއްވައިފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ސިޓީ ކައުންސިލުތަކުގެ ބާރުތަކާއި ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް މުރާޖަޢާކޮށް ކުރިން ހަނިކޮށްފައިވާ ބާރުތައް އެފަރާތްތަކަށް އަލުންދިނުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ސިޓީ ކައުންސިލުތަކުގެ ބާރުތަކާއި ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް ރައީސުލްޖުމްހޫރިއްޔާ އަލުން ކަނޑައަޅުއްވާފައިވަނީ މިއަދުއެވެ.
މިގޮތުން، ސިޓީ ކައުންސިލްގެ ބާރުތައް ކަމަށް ކަނޑައަޅުއްވާފައިވާ ކަންކަމުގެ ތެރޭގައި، އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލުގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި، ދިނުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި މި އިންވެސްޓްމަންޓްތައް ކައުންސިލުގެ ނަމުގައި މިލްކުކުރުން ހިމެނެއެވެ.
އަދި ކައުންސިލުގެ ބެލުމުގެ ދަށުން ޚިދުމަތްދެވޭ ތަންތަނާއި، ކައުންސިލުގެ އުޅަނދުފަހަރާއި، މަގުތަކާއި، ޕާކު ފަދަ އާންމު ތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުމާއި، ސިޓީއާއި ސިޓީގައި ހިމެނޭ އަވަށްއަވަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުންވެސް ސިޓީ ކައުންސިލްގެ ބާރުތަކުގެ ތެރޭގައި ހިމެނެއެވެ.
އަދި ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް ކަމަށް ކަނޑައަޅުއްވާފައިވާ ކަންކަމުގެ ތެރޭގައި، ބިން ދޫކުރުމާއި ބިމާއި ޢިމާރާތްތައް ރަޖިސްޓަރީކުރުމާއި، ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި، އެކިއެކި ފަރާތްފަރާތުން ބިންބިމާ ގުޅޭގޮތުން ހިންގާ އެންމެހައި މުޢާމަލާތުތަކުގެ ރެކޯޑުތައް ބެލެހެއްޓުން ހިމެނެއެވެ. އަދި މިސްކިތްތައް ބެލެހެއްޓުމާއި، އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުވެސް ސިޓީ ކައުންސިލުންދޭ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެމަތިން ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެ ސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެ ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފުތަރު ލިޔެ ބެލެހެއްޓުމާއި، މަގުތައް ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން ވެސް ސިޓީ ކައުންސިލުންދޭ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ.