ޚަބަރު

އެކައުންޓްގައި ހުންނާނީ ސައްހަ ޖާއިޒު ފައިސާ - ޔާމީން


އެމަނިކުފާނަށް ނިސްބަތްވާ އެކައުންޓުގައި ހުންނާނީ ސައްޙަ ޖާއިޒު ފައިސާ ކަމަށާއި ޤާނޫނާއި ޚިލާފު އެއްވެސް ފައިސާއެއް އެކައުންޓުގައި ނުހުންނާނެކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ބައެއް ދާއިރާއަކަށް ކުރިމަތިލައްވާ ކެނޑިޑޭޓުންނަށް ޕީޕީއެމްގެ ޓިކެޓު ޙަވާލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ އެކައުންޓްގައި ހުރި 100 މިލިއަން ރުފިޔާއާ ގުޅޭގޮތުން ފުލުހުން މިހާތަނަށް އެމަނުކުފާނާ އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށެވެ. އެމަނިކުފާނުގެ މާލީ ބަޔާންވެސް ހުށަހަޅުއްވާފައިވާއިރު، އެކައުންޓްގައިހުރި ފައިސާއާ ގުޅޭގޮތުން މިހާތަނަށްވެސް އެއްވެސް ތުހުމަތެއް ކޮށްފައިނުވާ ކަމަށްވެސް ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނުގެ އެކައުންޓްގައި 100 މިލިއަން ރުފިޔާ ހުރިކަން ފުލުހުން ހާމަކޮށްފައިވާއިރު، ރައީސް ޔާމީން އެކަން ދޮގުކުރައްވާފައެއް ނުވެއެވެ.

"މާލީ ބަޔާނުގައި ލިޔާނީ އަޅުގަނޑަށް އިނގޭ އެއްޗެއް ދެއްތޯ، މާލީ ބަޔާނުގައި އޮންނާނީ އަޅުގަނޑު ސޮއިކޮށްފައި އޮތް މާލީ ބަޔާނެއް، މާލީ ބަޔާނުގައި އޮތް ކޮންމެ އަކުރަކަށް، ކޮންމެ އަދަދަކަށް އަޅުގަނޑު ޒިންމާ އުފުލަން، ފުލުހުން އަޅުގަނޑަށް ތުހުމަތު ކުރައްވާ އައްސަވާ 100 މިލިއަން ރުފިޔާ އައިސްފައިވާ ގޮތެއް"

ކުރީގެ ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މީހެއްގެ އެކައުންޓުގައި ފައިސާ ހުރުން އެއީ މައްސަލައަކަށްވާނަމަ އެކަމުގައި ޖަވާބުދާރީވާން ތައްޔާރަށް ހުންނެވި ކަމަށެވެ.

މިދިޔަ ހޮނިހިރުދުވަހު އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ފުލުހުންވަނީ ސުވާލުކޮށްފައެވެ. އެދުވަހު ސުވާލުކޮށްފައިވަނީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެމަނިކުފާނުގެ އެކައުންޓަކަށް ބާވީސް ޕޮއިންޓު ފަހެއް މިލިއަން ރުފިޔާ ޖަމާކުރި މައްސަލާގައެެވެ.