ޚަބަރު

ޝަރުއީ ދާއިރާއަށް ރައްޔިތުންގެ ޔަޤީންކަން ލިބުމުން މަރުގެ ހުކުމް ތަންފީޒުކުރާނަން


މަރުގެ ހުކުމް ސަރުކާރުން ތަންފީޒުކުރާނެކަމަށާއި އެހެންނަމަވެސް އެކަން ކުރާނީ ޝަރުއީ ދާއިރާއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ލިބުމުންކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމާ މެދު ރާއްޖެއިން ދެކޭގޮތް އދ ގައި ބަޔާންކޮށްދެމުންނެވެ. އދ ޖެނެރަލް އެސެމްބްލީގައި ނެގުމަށް ހަމަޖެހިފައިވާ ވޯޓްކުރިން ރާއްޖޭގެ ސިޔާސަތު ހާމަކުރައްވަމުން އދ ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބް ޑރ އަލީ ނަސީރު ވިދާޅުވީ 2014 ވަނަ އަހަރު ވުޖޫދަށް އައި އައު ޤާނޫނުލްޢުޤޫބާތުގައި، ކަނޑައެޅޭ ވަކި ހާލަތްތަކެއްގައި އަދަބެއްގެ ގޮތުން މަރުގެ ހުކުމް ދެވޭނެކަމަށް ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން އިސްލާމީ ޝަރީޢަތާ އެއްގޮތަށް އެހުކުމް ތަންފީޒުކުރަން ޖެހޭކަމަށެވެ.

އެހެންނަމަވެސް މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކުރިން ވަކިފަރާތަކަށް ނުޖެހޭ، މިނިވަން، އަދި ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ތަނަކަށް އަދުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާ ހަދާ އެދާއިރާ މުޅީން އިސްލާހުކޮށް، ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރާނެކަަމަށްވެސް ނަސީރު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ އަދުލު އިންސާފު ޤާއިމުކުރުމުގެ ދާއިރާއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ލިބެންދެން، ދިވެހިރާއްޖެއިން މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަންވެސް އަލީ ނަސީރު ވިދާޅުވިއެވެ.

އ.ދ. ގެ ޖެނެރަލް އެސެމްބްލީގައި ނެގި ވޯޓުގައި ރާއްޖެއިން ވަނީ "މޮރޮޓޯރިއަމް އޮން ދަ ޔޫސް އޮފް ދަ ޑެތް ޕެނެލްޓީ" (މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓުވުން) ރެޒޮލޫޝަނާ ދެކޮޅަށް ވޯޓުދީ، ވޯޓަށް ހާޒިރުވެތިބި އ.ދ. ގެ މެމްބަރު ޤައުމުތަކަށް ސަބަބު ބަޔާންކޮށްދީފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުނުކުރާތާ 60 އަހަރު ވެފައިވާއިރު އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 1954 ގައެވެ. ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރާނެކަން ސަރުކާރުން ހާމަކޮށްފައިވާއިރު ނިހާއީ ހުކުމަކުން މަރަށް މަރު ހިފަންޖެހޭނެކަމަށް ބައެއް މީހުންގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ހުކުމްކޮށްފައިވެއެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އެކި ފޯރަމްތަކުގައި މަރުގެ ހުކުމް ތަންފީޒުކުރާނެކަމަށް ބުނަމުންދިޔަ ނަމަވެސް ވެރިކަމުގެ ފަސްއަހަރު ނިމިގެންދިޔައިރުވެސް އެ ހުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.