ޚަބަރު

ރާއްޖެ އާއި އިންޑިއާ ގުޅުން ކުރިޔަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެ - ސުޝްމާ


ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ގާތް ގުޅުން ކުރިޔަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސްވަރާޖް ވިދާޅުވެއްޖެއެވެ.

ސުޝްމާ ސްވަރާޖް މިފަދައިން ވިދާޅުވީ އިންޑިޔާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި އެޤައުމަށް އިއްޔެ ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް، މިއަދު އިޙްތިރާމުގެ ޒިޔާރަތުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު އިންޑިޔާގެ ރާޝްތްރަޕަތީ ބާވަންގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިންޑިއާ ދެމެދުގައިވާ ގާތް ރަހުމަތްތެރި ގުޅުން ފާހަގަ ކުރައްވައި، މި ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ސުޝްމާ ސްވަރާޖް އެރުވިއެވެ. މިގޮތުން، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ދާއިރާއިންނާއި، މިނޫނަސް ތަރައްޤީގެ އެކިއެކި ދާއިރާތަކުން ގުޅުން ބަދަހި ކުރެއްވުމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ތިއްބެވުމަށް ހަމަޖެހިފައިވަނީ، އިންޑިޔާގެ ރައީސް ރާމް ނާތު ކޯވިންދްގެ ޚާއްޞަ މެހެމާނުންގެ ގޮތުގައި، ރާޝްތްރަޕަތީ ބާވަންގައެވެ.