ޚަބަރު

ޑަބްލިއު ކޮންސްޓްރަކްޝަންގެ އިމާރާތްކުރުމުގެ ހުއްދަތައް ބާތިލުކޮށްފި


ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓުނު ހާދިސާއާ ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަންގެ އިމާރާތް ކުރުމުގެ ހުއްދަތައް ބާތިލުކޮށްފިއެވެ.

ތުއްތު ކުއްޖާ ޒަޚަމްވެފައިވަނީ ޑަބްލިއު ކޮންސްޓްރަކްޝަންސް ކުންފުނިން މަސައްކަތް ކުރަމުންދިޔަ ސައިޓަކުން ސިމެންތި ބަސްތާއެއް ވެއްޓިގެންނެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ މި ހާދިސާއާ ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަންއަށް ދީފައިވާ ޢިމާރާތް ކުރުމުގެ ހުރިހާ ހުއްދަތައް ވަގުތީގޮތުން ބާތިލުކޮށްފައިވާކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ޑަބްލިއު ކޮންސްޓްރަކްޝަނުން މަސައްކަތް ކުރަމުންދިޔައީ ޤަވާއިދާ ޚިލާފަށް ކަމަށާއި، ހޯދަންޖެހޭ ހުއްދަތައްވެސް ހޯދާފައި ނުވާކަމަށެވެ. އެގޮތުން ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާ ސައިޓެއްކަން އަންގައިދޭ ބޯޑެއް އެތަނުގައި ޖަހާފައި ހުރިނަމަވެސް އެ ބޯޑަކީ އެމަސައްކަތަށް ދޫކޮށްފައިވާ ބޯޑެއް ނޫންކަމަށާއި، އެއީ މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް މާ ކުރިން ދޫކޮށްފައިވާ ބޯޑެއްކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަނަށް ދޫކޮށްފައިވާ އިމާރާތް ކުރުމުގެ ހުރިހާ ހުއްދަތައް ބާތިލުކޮށްފައިވާކަމަށް ސީޓީ ކައުންސިލުން ބުނެއެވެ. އެއާއެކު އެ ކުންފުނިން މާލޭގައި ކުރަމުންދާ ޢިމާރާތްކުރުމުގެ ހުރިހާ މަސައްކަތެއް ހުއްޓުމަކަށް އަންނާނެއެވެ.

މިއަދު ހެނދުނު ހިނގި މި ހާދިސާއާ ގުޅިގެން 9 އަހަރުގެ ކުއްޖަކަށް އަނިޔާވެ އައިޖީއެމް ހޮސްޕިޓަލްގެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.