ޚަބަރު

ކިޔަވާ ކުދިންނާއި ބޭސްފަރުވާއަށް ދާ ދިވެހިންނަށް ވިސާގައި ބޮޑެތި ލުއިތަކެއް ލިބޭނެ - ރައީސް


ދިގު މުއްދަތަކަށް ބޭސްފަރުވާއަށް އިންޑިއާއަށް ދާ ދިވެހިންނަށް ގިނަ ވަގެން ހަމަސް ނުވަތަ ބަލި ހާލަތަށް ބަލާ އެއް އަހަރާއި ހަމައަށް ވިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގައި ދިރިއުޅޭ ދިވެހިންނާއި މީގެ ކުޑައިރުކޮޅެއް ކުރިން ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އިންޑިއާގެ އައިސީޓީ މޯރިއާ ހޮޓެލްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅަށް ފަހު އިންޑިއާއަށް ދަތުރުކާ ދިވެހިންނަށް ވިސާގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށެވެ. މި ގޮތުން ބޭސްފަރުވާއަށް ދާ ދިވެހިންނަށް ހަމަހާއި އެއްއަހަރާއި ދެެމެދުގެ މުއްދަތަކަށް ވިސާ ލިބޭނީ ދެ އެހީތެރިންނާއިއެކުކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ޓުއަރިޒަމާއި ވިޔަފާރިގެ ކަންކަމަށް އިންޑިއާއަށް ދާ ދިވެހިންނަށް ކޮންމެ 6 މަހަކުން 90 ދުވަހުގެ ވިސާއެއް ލިބިގެންދާނެކަމަށާއި އިންޑިއާގައި ކިޔަވަމުންދާ ދަރިވަރުންނަށް މަލްޓިޕަލް އެންޓްރީ ސްޓޫޑަންޓް ވިސާ ލިބިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އުމުރުން 18 އަހަރުން ދަށުގެ ދަރިވަރުންނަށް ވިސާ ހަމަޖެހިގެންދާނީ މައިންބަފައިނަންވެސް ވިސާ ލިބޭގޮތަށްކަމަށްވެސް ރައީސް ގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންވެސް ބައިވެރިވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އިންޓަރެސްޓް ކުޑަ ލޯނެއް ތައާރަފުކުރެއްވުން ކަމަށާއި އެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި އެ ލޯން ތައާރަފުކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި އަދި އެ ލޯނު ދެއްކޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމެގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ދެ ކަނބަލުން އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ރަސްމީ ބައި މާދަމާ އޮންނާނެއެވެ. މި ގޮތުން ދެ ޤައުމުގެ ދެމެދުގައި ބާއްވާ ރަސްމީ ވާހަކަތކާއި ދެ ޤައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކުގައި ސޮއިކުރުންވެސް އޮންނާނެއެވެ.