ޚަބަރު

ސިމެންތި ބަސްތާ ވެއްޓި ޒަޚަމްވީ ބަންގްލަދޭޝް ކުއްޖެއް، މަސައްކަތްކުރަމުން ދިޔައީ ހުއްދަ ނުނަގާ


މާފަންނު ނަލަހިޔާ ކައިރީގައި އިމާރާތްކުރަމުންދާ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ޒަހަމްވި ހާދިސާގައި ޒަޚަމްވީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް 2 ޑޮކްޓަރުންގެ ދަރިއެއްކަމަށާއި، އެކުއްޖާގެ ޙާލު ސީރިއަސްކަމަށް އައިޖީއެމްއެޗުން ހާމަކޮށްފިއެވެ.

އައިޖީއެމް ހޮސްޕިޓަލުން ބުނީ ކުއްޖާގެ ހާލު ސީރިއަސްކަމަށާއި، ކުއްޖާގެ ސަރޖަރީއެއް މިހާރު ކުރަމުންދާކަމަށެވެ. މިކަމާ ގުޅޭގޮތުން އައިޖީއެމް ހޮސްޕިޓަލްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުންދީން ވިދާޅުވީ ކޮންސްޓްކަރަންޝަން މަސައްކަތްކުރަމުންދިޔަ ސައިޓުގައި މަސައްކަތް ކުރަމުންދިޔައީ ކަމާބެހޭ ފަރާތްތަކުން ހޯދަންޖެހޭ ހުއްދަތައް ނުހޯދައިކަމަށެވެ. އަދި ހާދިސާ ހިނގި ސައިޓުގައި މީގެ ކުރިންވެސް މިފަދަ ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައިވާކަމަށެވެ.

މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، މިކަމާގުޅޭ މައުލޫމާތު އެފަރާތަށް ލިބުމާއެކު، ކުއްޖާގެ އާއިލާއަށް ބޭނުންވާ އެހީތެރިކަން ދިނުމަށްޓަކައި، ސިޓީ ކައުންސިލާއި، ހައުސިންގ މިނިސްޓްރީއާއި، ޕްލޭނިންގ މިނިސްޓްރީގެ ޓީމެއް އައިޖީއެމް ހޮސްޕިޓަލްގައި ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި މާލެސީޓީގައި އިމާރާތްކުރުމުގެ މަސައްކަތް ކުރާ ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާކަން ކަށަވަރު ކުރައްވާނެކަމަށެވެ. ޢާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ އެއްވެސް ކަމަކަށް މާލެސިޓީގައި ދެން ޖާގަ ނޯންނާނެކަމަށް މޭޔަރ ވިދާޅުވިއެވެ. މޭޔަރ ވިދާޅުވީ، މިދިޔަ 5 އަހަރު ތެރޭގައި މާލޭގައި އިމާރާތްތަކުރުމުގެ މަސައްކަތްކުރާ ސައިޓްތައް އެކަށީގެންވާ ގޮތެއްގައި ބަލައި މޮނިޓަރ ކޮށްފައި ނުވާކަމަށެވެ.

މިއަދު ހެދުނު ހިނގި މިހާދިސާގައި ޒަހަމްވެފައިވަނީ އުމުރުން 9 އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ. މިއަދު ހިނގި މި ހާދިސާ ހިންގި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް މިހާރުވަނީ އާއްމުވެފައެވެ.

މި ފުޓޭޖުން ފެންނަގޮތުން އަންހެން ކުއްޖާއާއި އެކު އިތުރު އަންހެންނަކުވެސް އެ ސަރަހައްދުން ދާތަން ފެނެއެވެ. ކުއްލިއަކަށް މަތިން އެއްޗެއް ވެއްޓި މުޅި ސަރަހައްދަށް ސިމެންތި ފައިބައިގެންދާތަން ފެނެއެވެ. އެ ސަރަހައްދުގައި ތިބި އެންމެން އެކި އެެކި ދިމާލަށް ދާތަން ފެނެއެވެ. އަދި ބަސްތާއިން ޖެހި ބިންމައްޗަށް ވެއްޓިފައި އޮންނަ ކުއްޖާ އެ ސަރަހައްދުގައި ތިބި މީހުންނަށް އެ ކުއްޖާ ފެންނަނީވެސް އިރު ގަޑެއް ފަހުންނެވެ. އަދި އެ ސަރަހައްދަށް އައި އާއްމުންގެ މީހަކު އެ ކުއްޖާ ނަގައިގެންދައިރު އެ ކުއްޖާ ފެންނަ ފެނުމަށް އޮންނަނީ ހޭނެތިފައެވެ.

އައިޖީއެމްއެޗުން ބުނީ ޒަހަމްވެގެން ގެނައި ކުއްޖާ އޮޕަރޭޝަނެއް ކުރުމަށް ތިއޭޓަރަށް ވައްދާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، ނަލަހިޔާ ކައިރީގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓިގެން ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 10:45 ހާއިރުކަމަށެވެ. މިމައްސަލަ ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.