ޚަބަރު

"ރަށްފެހި ޕްރޮގްރާމް" ގެ ދަށުން އައްޑޫ ސިޓީ ފިޝަރީސް ކޮމްޕްލެކްސްގައި ގަސް އިންދައިފި


"ރަށްފެހި ޕްރޮގްރާމް" ގެ ދަށުން އައްޑޫ ސިޓީ ފިޝަރީސް ކޮމްޕްލެކްސްގައި ގަސް އިންދުމުގެ ޙަރަކާތެއް ބާއްވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން އައްޑޫ ސިޓީ ފިޝަރީސް ކޮމްޕްލެކެސްގެ ރީޖަނަލް މެނޭޖަރ މުސްތަފާ ޖަމީލް ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން މިއަދު ހަވީރު ފިޝަރީޒް ކޮމްޕްލެކްސްގެ މުވައްޒަފުން 40ހަކަށް ގަސް އިންދާފައިކަމަށެވެ. އޭގެ ތެރޭގައި ހިޔާދޭގަސްތަކާއި، ބަގީޗާ ގަސްތަކާއި މޭވާއަޅާ ގަސް ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުޅި ރާއްޖެ ފެހިކުރުމަށް ހިންގާ ޤައުމީ ޙަރަކާތް "ރަށްފެހި ޕްރޮގްރާމް" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މިއަދު އިފްތިތާޙުކޮށްދެއްވަވާފައެވެ.

"ރަށްފެހި ޕްރޮގްރާމް" ގެ ދަށުން އެންމެ ބޮޑަށް ބާރުއަޅާނީ ރަށްރަށުގައި މިހާރުވެސް ހެދިފައިހުރި ރުށްގަސް އުފުރައިގެންގޮސް އެހެންތަނެއްގައި އިންދުމުގެ ބަދަލުގައި ގޮތްޕާއި، ނިރުފަދަތަކެތި ރޯކޮށްގެން އިންދުމަށްކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުނެއެވެ. އަދި މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރާއްޖޭގެ ރަށު ކައުންސިލްތަކުގެ އެހީއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް މަސައްކަތްކުރަމުންދާކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުނެއެވެ.