ޚަބަރު

ރައީސްގެ އިންޑިއާ ދަތުރުފުޅުގައި ދިވެހިންނަށް ވިސާގެ ބޮޑެތި ލުއިތަކެއް ލިބޭނެ - ފޮރިން މިނިސްޓަރ


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ދިވެހިންނަށް ވިސާގެ ބޮޑެތި ލުއިތަކެއް ދިނުމާބެހޭ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅޭގޮތުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި ދަތުރުފުޅުގެ ތެރެއިން އިންޑިއާއިން ދިވެހިންނަށް ވިސާގެ ބޮޑެތި ލުއިތަކެއްދީ، އެކަމާގުޅޭ އެސްބަސްވުމެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މިކަމާބެހޭ އިތުރު ތަފްސީލް ފޮރިން މިނިސްޓަރ ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ރާއްޖެއިން ބޭރަށްކުރައްވާ ރަސްމީ ދަތުރުފުޅުގައި މިމަހު އިންޑިއާއަށް ފުރާވަޑައިގަންނަވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ރަސްމީ ޙައިޞިއްޔަތުން ރައީސް ޞާލިޙް ބައްދަލުކުރެއްވީ ވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެވެ.

ސަރުކާރުން ވަނީ އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރާނެކަމަށް ބުނެފައެވެ.