ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ 25 އަހަރުގެ ޖަލު ހުކުމް ސުޕްރީމްކޯޓުން ބާތިލުކޮށްފިއެވެ. ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސްކަންވެސް ކުރައްވާފައިވާ އަހުމަދު ނާޒިމް 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީވެސް ސުޕްރީމްކޯޓުންނެވެ.
މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ނާޒިމްގެ މައްޗަށް އިއްވާފައިވާ ހުކުމް ސުޕްރީމްކޯޓުން ބާތިލުކޮށްފައި މިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް އައުމުން އެ މައްސަލަ ރިވިއުކޮށްދިނުމަށް އެދި ނާޒިމް ހުށައެޅުމުންނެވެ. ނާޒިމް ހުށައެޅި މައްސަލާގައި ފާހަގަކޮށްފައިވަނީ 2014 ވަނަ އަހަރު ނާޒިމްގެ މައްޗަށް ހައިކޯޓުން ކޮށްފައިވާ ހުކުމް ދައުލަތުން ސުޕްރީމްކޯޓަށް ހުށައަޅާފައިވަނީ އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވެފައިވަނިކޮށްކަމަށެވެ.
އެ މައްސަލަ ނިންމާ ސުޕްރީމްކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ނާޒިމްގެ ފަރާތުން ފާހަގަކުރި ނުކުތާތަކަށް ބަލާއިރު ހުކުމަށް ބަދަލު ގެންނަންޖެހޭކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާކަމަށެވެ. ސުޕްރީމްކޯޓުގެ ހުކުމްގައި ބުނެފައިވަނީ ނާޒިމްގެ މައްސަލަ އިސްތިއުނާފު ނުކުރީ އޭރު ޕީޖީއެއް ނެތުމުންކަމަށް ދައުލަތުން ބުނެފައިވާކަމަށެވެ. އެހެންނަމަވެސް އޭގެ ފަހުން ޕީޖީ އައްޔަންކުރުމުންވެސް ނާޒިމްގެ މައްސަލަ ދައުލަތުން އިސްތިއުނާފަށް ހުށަނާޅާ އެތައް ދުވަހެއްވެފައިވާކަން ދައުލަތުން އިއުތިރާފުވެފައިވާތީ އެ ހުކުމަށް ބަދަލު ގެންނަން ޖެހޭކަމަށް ސުޕްރީމްކޯޓްގެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ. އަދި އެ މައްސަލަ ސުޕްރީމްކޯޓުން ކުރިން ބަލައިގަނެ ހުއްދަ ދިނުމުގައިވެސް ގިނަ ދުވަސްތަކެއް ވެފައިވާކަންވެސް އެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ.
ނާޒިމް 25 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމާއިއެކު އޭރު އޭނާ ފުރުއްވަމުން ގެންދެވި ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިވެސް ގެއްލިގެންދިޔައެވެ. އަދި ހުކުމް ތަންފީޒުކުރަން ދުވަސްކޮޅެއްގައި ޖަލުގައި ހުންނެވުމަށްފަހު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމަށްފަހުއެވެ.