ކުޅިވަރު

އެންމެ މޮޅު ކީޕަރަށް ވާދަކުރަނީ ކިރަން، ފައިސަލް އަދި ސުޖަން


މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމަށް ވާދަކުރަ ތިން ކީޕަރުންގެ ނަން އިއުލާންކޮށްފިއެވެ.
އެންމެ މޮޅު ކީޕަރުގެ މަގާމަށް ވާދަކުރާ ތިން ކީޕަރުންނަކީ، ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބުގެ ކީޕަރު ކިރަން ކުމާރު ލިމްބޫއާއި، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކީޕަރު މުޙައްމަދު ފައިސަލްއާއި، ކްލަބް އީގަލްސްގެ ކީޕަރު ސުޖަން ޕެރޭރާއެވެ.

މިތިން ކީޕަރުންގެ ތެރެއިން މި ފަހަރުގެ ދިވެހި ޕްރިމިއަރ ލީގުގެ އެންމެ މޮޅު ގޯލްކީޕަރަކީ ޓީސީގެ ކިރަންއެވެ. އޭނާވަނީ ޓީސީއަށް ލީގު ޗެމްޕިއަންކަން ލިބުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

މިފަހަރުގެ ލީގު ތިންވަނާގައި އޮވެގެން ނިންމާލި ކްލަބް އީގްލްސްގެ ކެޕްޓަން ސުޖަން ޕެރޭރާ ވަނީ މިފަހަރުގެ މާލެ ލީގުގެ ދެވަނަ މަގާމް އީގަލްސްއިން ހޯދުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި ޕްރިމިއާރ ލީގުގައިވެސް އޭނާވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

އެވޯޑަށް ވާދަކުރާ ތިން ކީޕަރުންގެ ތެރެއިން، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކީޕަރު މުޙައްމަދު ފައިސަލް ވަނީ، ސަރަހައްދީ އެންމެ ބޮޑު މުބާރާތް ކަމައްވާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ރާއްޖެއަށް ދެވަނަ ފަހަރަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ސާފް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމުވެސް ހޯދީ ފައިސަލްއެވެ.

މިފަހަރުގެ މޯލްޑިވްސް ފުޓްބޯޅަ އެވޯޑް ނައިޓް އޮންނާނީ މިމަހުގެ 29ވަނަ ދުވަހުގައެވެ.