ކުޅިވަރު

އެލިސަންގެ މޮޅު ކުޅުމުން ކްލޮޕް އާޝޯހުވެއްޖެ


ކީޕަރު އެލިސަން ބެކަރއަށް ލިވަޕޫލުން އޭނާ ގަތް އަގުގެ ދެ ގުނަ ދޭން ޖެހުނަސް ތައްޔާރަށް ހުރިކަމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފިއެވެ.

ޗެމްޕިއަންސް ލީގްގައި ރޭ ނަޕޯލީ އެއް ލަނޑު ސުންލަނޑުން ބަލިކޮށް ގަދަ ސޯޅައަށް ކޮލިފައިވުމަށްފަހު ކްލޮޕް ބުނީ ރޭ އެލިސަންގެ ދިފާއުކުރި ބޯޅަތަކާއިއެކު ހައިރާންވެ އާޝޯހުވެއްޖެކަމަށެވެ. ކޮލޮޕަށް ދުވަހަކުވެސް އެހާ މޮޅަށް ކީޕަރަކު ކުޅުނުތަން ނުފެންނަކަމަށް އޭނާ ބުންޏެވެ،

އެލިސަން ރޯމާއިން ލިވަޕޫލަށް ބަދަލުވީ 56 މިލިއަން ޕައުންޑެވެ. ކްލޮޕް ބުނީ އެލިސަން މިހާ މޮޅުކަން އޭނާއަށް ކުރިން އެނގުނުނަމަ އެ އަގުގެ ދެގުނަ ދޭނެކަމަށެވެ.

"އެލިސަންއަށް ދެ ގުނަ ބޮޑުއަގެއް ދޭން އަހަރެން ޖެހިލުން ނުވޭ. މިއީ މޮޅު ކީޕަރުންގެ ތަފާތަކީ" ކްލޮޕް ބުންޏެވެ.

ރޭގެ މެޗްގެ ހަމައެކަނި ލަނޑު ޖަހާ ލިވަޕޫލް ގަދަ ސޯޅައަށް ގެންގޮސްދިން ސަލާހް ގެ ގޯލަށްވެސް ކްލޮޕް ވަނީ ތައުރީފުކޮށްފައެވެ.

ކްލޮޕް ބުނީ ފުރަތަމަ ހާފްގައި ކާމިޔާބުކުރި ގޯލާއެކު މެޗް އިތުރަށް ވާދަވެރިވި ނަމަވެސް އެ ނަތީޖާގައި ހިފަހައްޓަލެވުނީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި ކުޅުންތެރިން އޭނާ ވަރަށް އުފާކޮށްދީފި ކަމަށާއި، ކުޅުންތެރިންނާމެދު ފަހުރުވެރިވާކަމަށްވެސް ކްލޮޕް ބުންޏެވެ.

މި ނަތީޖާއާއެކު ލިވަޕޫލް ގަދަ ސޯޅައަށް ދިޔައީ ނުވަ ޕޮއިންޓާއެކު ގްރޫޕް ސީގެ ދެވަނަ ޓީމްގެ ގޮތުގައެވެ. ބާރާ ޕޮއިންޓާއިއެކު ގްރޫޕް ސީގެ އެއްވަނަ ހޯދީ ޕީއެސްޖީއެވެ.